ސިޔާސީ ބޭނުންތަކަށްޓަކައި ވަޒީފާތަކުން މުވައްޒަފުން ވަކިކޮށް، އަނިޔާވެރިކަން އިސްކުރުމުގެ ނަތީޖާ ހިތިވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ސަރުކާރުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބުނެ ފެންމަތިވަމުންދާ ޝަކުވާތަކާ ގުޅިގެން، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝާހިދު ވިދާޅުވީ ވަޒީފާ ބަހައިގެންނާއި، ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކޮށްގެން ރައްޔިތުންގެ ލޯބި ނުހޯދޭނެ ކަމީ މާޒީން ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. އަދި ސަރުކާރުން މިފަދަ ނިންމުންތައް ނިންމާއިރު، ވަޒީފާއިން ވަކިކުރާ ކޮންމެ މީހަކާ ގުޅިފައިވާ އާއިލާއެއް އޮންނަކަން ސަރުކާރުގެ އިސްވެރިން ހަނދާން ބަހައްޓަވަން ޖެހޭނެ ކަމަށްވެސް ޝާހިދު ފާހަގަކުރެއްވިއެވެ.
"އަނިޔާވެރިކަމުގެ ނަތީޖާ ހިތިވާނެކަން އަނިޔާވެރިވާ ފަރާތްތަކުން ދަންނަންޖެހޭ،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު މިފަދައިން ވިދާޅުވެފައި މިވަނީ، މި ސަރުކާރުން ބައެއް ކުންފުނިތަކުގެ މުވައްޒަފުން ވަކި ކުރަމުންދާ ދަނޑިވަޅެއްގައެވެ. ސަރުކާރުން ބުނަނީ އެއީ ޚަރަދު ކުޑަކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ މުވައްޒަފުންގެ އިތުރުން އާދައިގެ މުވައްޒަފުންވެސް ދަނީ ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރަމުންނެވެ.






