ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލަކީ ވޯޓުން ވައްކަން ކުރަން ހުށަހެޅި ބިލެއް: ޣަފޫރު

ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލަކީ ވޯޓުން ވައްކަން ކުރަން ހުށަހެޅި ބިލެއް: ޣަފޫރު

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލަކީ" އީ-ވޯޓިންއަށް މަގުފަހިކޮށް، ކުރިއަށް އޮތް އިންތިހާބުތަކުގައި ވޯޓުން ވައްކަން ކުރުމަށް ތައްޔާރުކޮށްފައިވާ ބިލެއް ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ތުހުމަތު ކުރައްވައިފިއެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ގައްދޫ ދާއިރާގެ މެމްބަރު މުހައްމަދު އަލީ ހުށަހަޅުއްވާފައިވާ މި ބިލަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ، ސަރުކާރުން ޑިޖިޓަލައިޒް ކުރުމުގެ ވާހަކަ ދެއްކި ނަމަވެސް، މިއީ ހަގީގަތުގައި އީ-ވޯޓިންއަށް ދިއުމަށްޓަކައި ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އަދި މި ބިލުގެ ދަށުން އިތުރު އޮފީސްތައް ހަދައި، މުވައްޒަފުން ނަގައިގެން ސަރުކާރުން މަސައްކަތް ކުރަމުންދަނީ ނާޖާއިޒު ގޮތުގައި ވޯޓަށް ނުފޫޒު ފޯރުވުމަށް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

މި ބިލުގެ ދަށުން ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ކަންކަން ވިލަރެސްކޮށް ހިންގުމަށްޓަކައި ”މޯލްޑިވްސް ޑިޖިޓަލް ސަރވިސް“ ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފެއްދުމަށް ވަނީ ހުށަހަޅާފައެވެ. މި އިދާރާ އުފެދުމާއެކު، މިހާރު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ ޑިޖިޓަލް ސަރވިސްގެ އެންމެހާ މަސްއޫލިއްޔަތުތަކާއި، މުވައްޒަފުންނާއި، ހައްގުތައް އައު އިދާރާއަށް ބަދަލުވެގެންދާނެއެވެ.

ބިލުގެ މައިގަނޑު މަގުސަދެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ދައުލަތުގެ އިދާރާތަކުގެ މެދުގައި ފަސޭހަކަމާއެކު ޑޭޓާ ބަދަލުކުރެވޭނެ އިންޓައޮޕަރަބަލް ނިޒާމެއް ގާއިމުކުރުމެވެ. މީގެ އިތުރުން، އިންފޮމޭޝަން ސިސްޓަމްތަކުގައި ބޭނުންކުރާ މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި، ދައުލަތުގެ އިދާރާތަކަށް ބަރޯސާވެވޭނެ ފަދަ އިތުބާރުހުރި ދަފުތަރުތަކެއް އެކުލަވައިލުމަށްވެސް މި ބިލުން މަގުފަހިކޮށްދެއެވެ.

ނަމަވެސް މިކަމަށް ފާޑުވިދާޅުވަމުން ޣަފޫރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް ހުށަހަޅާފައިވާ އެއްވެސް ބިލަކުން ރައްޔިތުންނަށް ލިބުނު އެއްވެސް ފައިދާއެއް ނެތް ކަމަށެވެ. މެމްބަރު ޣަފޫރުގެ މި ތުހުމަތުތަކާއެކު، މަޖިލީހުގެ ތަޅުމުގައި މި ބިލަށް ކުރެވޭ ބަހުސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *