މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން ވޭތުވެދިޔަ ހަ މަސްދުވަހު ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޣަފޫރު މޫސާ ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުތަކަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވައިފިއެވެ.
ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާޓީއަށް ދިމާވި ހައްސާސް ދަނޑިވަޅެއްގައި ޕާޓީގެ އިދާރީ ހިންގުމާ ހަވާލުވެވަޑައިގެން ޣަފޫރު ކުރެއްވީ ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކަމަށެވެ. ޚާއްޞަކޮށް، ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހޯއްދެވި ކާމިޔާބީގައި ޣަފޫރު ވަރަށް މުހިއްމު ދައުރެއް އަދާކުރައްވާފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.
"ޕާޓީގެ ވަގުތީ ޗެއާޕާސަންގެ ގޮތުގައި ވޭތުވެދިޔަ 6 މަސްދުވަހު ޢަބްދުﷲ ޣަފޫރު އެމްޑީޕީއަށް ކޮށްދެއްވި ހަރުދަނާ މަސައްކަތަށް ޝުކުރިއްޔާ. ދިމާވި ހައްސާސް ދަނޑިވަޅެއްގައި ޕާޓީގެ ކަންކަމާ ހަވާލުވެވަޑައިގެން، ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހޯއްދެވި ކާމިޔާބީގައި ޣަފޫރުވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައި،" ޝާހިދު ވިދާޅުވިއެވެ.
އަދި އެހެންމެ، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަކީ މިފަހުން ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު އެތެރޭގެ ސިޔާސީ ހަރަކާތްކަން ފާހަގަކުރައްވާ ޝާހިދު ވަނީ ޑިމޮކްރަސީގެ ރޫހު ނެރުނު އެންމެހާ މެންބަރުންނަށާއި އަމާންކޮށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިޔަ ޕާޓީގެ ވޮލަންޓިއަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.





