އިންޑިއާގެ ތާރީޚުގައި އިންތިޚާބީ ބޮޑުވަޒީރެއްގެ ގޮތުގައި އެންމެ ގިނަ ދުވަހު މަގާމުގައި ހުންނެވި ބޭފުޅާގެ ރެކޯޑު ބޮޑުވަޒީރު ނަރެންދުރަ މޯދީ ހޯއްދަވައިފިއެވެ.
މިއާއެކު އެމަނިކުފާނު ވެވަޑައިގެންފައިވަނީ އިންޑިއާގެ ޑިމޮކްރެޓިކް ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި އިންތިޚާބީ ލީޑަރަށެވެ.
ބޮޑުވަޒީރު މޯދީ ފުރަތަމަ ފަހަރަށް މަގާމުގެ ހުވާ ކުރެއްވީ 26 މެއި 2014 ގައެވެ. މިއަދާ ހަމައަށް އެމަނިކުފާނު ވަނީ މެދުނުކެނޑި 4,399 ދުވަސް މަގާމުގައި ހޭދަކުރައްވާފައެވެ. މީގެ ކުރިން މި ރެކޯޑު އޮތީ އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޕަންޑިތު ޖަވާހަރްލާލް ނެހުރޫގެ އަތްޕުޅުގައެވެ. ނެހުރޫ އިންތިޚާބީ ބޮޑުވަޒީރެއްގެ ގޮތުގައި 13 މެއި 1952 އިން 27 މެއި 1964 އަށް ޚިދުމަތް ކުރެއްވިއިރު، އެއީ ޖުމްލަ 4,398 ދުވަހެވެ.
މޯދީގެ މި ކާމިޔާބީއަކީ 1.4 ބިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ، ތަފާތު ބަސްތަކާއި ސަގާފަތްތަކުން މުއްސަނދިވެފައިވާ އިންޑިއާ ފަދަ ބޮޑު ގައުމެއްގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީއެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ސިޔާސީ ހަލަބޮލިކަމާއި ސަރުކާރުތައް ބަދަލުވުން އާންމުވެފައިވާ ދަނޑިވަޅެއްގައި، އިންޑިއާގެ ރައްޔިތުން ވަނީ ޖެހިޖެހިގެން ތިން ދައުރުގައި މޯދީގެ ލީޑަރޝިޕަށް އިތުބާރު އޮތްކަން ހާމަކޮށްފައެވެ.
ދުނިޔޭގެ މިނިވަން ސާވޭތަކުން ދައްކާގޮތުގައި ބޮޑުވަޒީރު މޯދީއަކީ ދުނިޔޭގެ އެންމެ މަގުބޫލު ޑިމޮކްރެޓިކް ލީޑަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އެމަނިކުފާނުގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން 30 އަށްވުރެ ގިނަ ގައުމުން ވަނީ އެ ގައުމުތަކުގެ އެންމެ މަތީ މަދަނީ ޝަރަފު އެމަނިކުފާނަށް އަރުވާފައެވެ. އާދައިގެ އާއިލާއަކުން ވަޑައިގެން، އެއްވެސް ސިޔާސީ އާއިލީ ނުފޫޒެއް ނެތި ގައުމުގެ އެންމެ މަތީ މަގާމަށް ވަޑައިގަތުމަކީ އިންޑިއާގެ ޑިމޮކްރެޓިކް ނިޒާމުގައި ހުރި ފުރުސަތުތަކުގެ ހެއްކެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
މޯދީގެ ވެރިކަމުގައި އިންޑިއާގެ ގާތްގަނޑަކަށް 250 މިލިއަން މީހުން ވަނީ ފަގީރުކަމުން އަރައިގަނެފައެވެ. މީގެ އިތުރުން ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ފުޅާކުރުމާއި، ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ހިންގުމާއި، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ.
މި މުއްދަތުގެ ތެރޭގައި އިންޑިއާ ވަނީ ދުނިޔޭގެ އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިގްތިސާދުގެ ގޮތުގައި މަގާމު ވަރުގަދަކޮށްފައެވެ. އަދި މޫސުމީ ބަދަލުތަކާއި، ޓެކްނޮލޮޖީ އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ހައްގުގައި ބައިނަލްއަގުވާމީ މައިދާނުގައި ނުފޫޒުގަދަ އަޑަކަށް އިންޑިއާ ވަނީ ވެފައެވެ.





