2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމުގެ އެއް ޝަރުތަކަށް އެމްޑީޕީގެ ތެރެއިން "ބަޔަކު" ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި އޭރު ކެބިނެޓުގައި ތިއްބެވި ތިން ވަޒީރަކު ވަކިކުރުން ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ޗެއާޕާސަން އިންތިޚާބުގައި ކުރީގެ ރައީސް ނަޝީދާއެކު މިވަގުތު ހުންނެވި، އޭރުގެ މާލީ ވަޒީރު އަމީރުވެސް ހިމެނޭ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި ހުށަހެޅުން އައީ ސީދާ ނަޝީދުގެ ފެކްޝަނުން ކަމަށް ރައީސް ސޯލިހު ވިދާޅުނުވެ، ނުސީދާކޮށް އެގޮތަށް ވިދާޅުވެފައިވާއިރު، އެ ހުށަހެޅުން އައީ ނަޝީދުގެ ފަރާތުންކަން މާލެ ޓައިމްސްއަށް ވަނީ ކަށަވަރު ވެފައެވެ. އެއީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އައި ހުށަހެޅުމެއް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
ތިން ވަޒީރަކު ވަކިކުރަން "ނަޝީދުގެ ފެކްޝަނުން" ހުށަހެޅުއްވިއިރު، ރައީސް ސޯލިހު ވިދާޅުވީ ހަމައެކަނި އަމީރުގެ ނަން އެކަންޏެވެ. އަނެއް ތިން ވަޒީރުންގެ ނަން ވިދާޅެއްނުވެއެވެ.
އޭރު އަމީރު ގޯސްވެގެން މާލީ ވަޒީރު ކަމުން އަމީރު ވަކިކުރައްވަން ނަޝީދުގެ ފަރާތުން އޭރުގެ ރައީސަށް ހުށަހެޅުއްވިއިރު، މާލީ ވަޒީރުގެ ބޮލުގައި ވައްކަމުގެ ތުހުމަތުތައްވެސް ވަނީ އަޅުއްވާފައެވެ.





