ކުރީގެ ރައީސުންނަށް ފަލާހް: ދަރަނި ދެއްކެވީތީ ރައީސަށް ޝުކުރު ދަންނަވަން ކެރޭނެތޯ؟

ކުރީގެ ރައީސުންނަށް ފަލާހް: ދަރަނި ދެއްކެވީތީ ރައީސަށް ޝުކުރު ދަންނަވަން ކެރޭނެތޯ؟

ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނީގެ ތެރެއިން އެއް ބިލިއަނެއްހައި ޑޮލަރު ދައްކަވައި ގައުމު ސަލާމަތްކުރެއްވީތީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވަން ކެރިވަޑައިގަންނަވާނެތޯ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެވެސް ލީޑަރު އިބްރާހިމް ފަލާހު ކުރީގެ ތިން ރައީސުންގެ އަރިހުން ސުވާލު ކުރައްވައިފިއެވެ.

ފަލާހު މިހެން ވިދާޅުވީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ފިޗް ރޭޓިންސް އެޖެންސީން "ސީސީ" ން "ސީސީސީ-" އަށް ރަނގަޅުވުމާއި ގުޅިގެން، އެކްސްގައި ޝާއިއު ކުރެއްވި ޕޯސްޓެއްގައެވެ. ފަލާހު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖެ އޮތީ، ކުރީގެ ވެރިންގެ އިހުމާލާއި ނާގާބިލުކަމުގެ ސަބަބުން ސަލާމަތްނުވާ ފަދަ ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ.

ފަލާހު ވިދާޅުވީ ކުރީގެ ރައީސުން ކަމަށްވާ ރައީސް ނަޝީދާއި ރައީސް ޔާމީނާއި ރައީސް ސޯލިހު ތިއްބެވީ، ތިން ބޭފުޅުންގެ ވެރިކަމުގައި ނެންގެވި ދަރަނި ރައީސް ޑރ. މުއިއްޒަށް ނޭދާ ހަލާސްނުވާނެ ކަމަށް ހީ ކުރައްވައިގެން ހިނިފުޅުވަޑުވަން ކަމަށެވެ. ނަމަވެސް އެ ދަރަނި ދައްކަވައި، ކުރިއަށް ހުރި ޖީލަށް ގައުމު ސަލާމަތްކޮށްދެއްވާފައިވާ ކަމަށް ފަލާހު ފާހަގަ ކުރެއްވިއެވެ.

ފަލާހު ވިދާޅުވީ ދިވެހި ރައްޔިތުން ރައީސަށް ޝުކުރު ދަންނަވަމުންދާ މި ދަނޑިވަޅުގައި، ކުރީގެ ތިން ރައީސުން ވެސް ޝުކުރުގެ ބަހެއް ވިދާޅުވެ ދެއްވާނެ ކަމަށް ހިތްޕުޅަށް އަރާ ކަމަށެވެ. ޕޯސްޓު ނިންމަވައިލައްވަމުން، "ސާބަސް، ސާބަސް، ސާބަސް، ރައީސް މުއިއްޒު ތީ މި ގައުމު އެދޭ ފަދަ ވަރުގަދަ ލީޑަރެއް،" ކަމަށް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *