ގޯއްޗާއި ފްލެޓަށް ހުށަހެޅުމުގެ މުއްދަދު އަންނަ މަހުގެ 15 އަށް އިތުރުކޮށްފި

ގޯއްޗާއި ފްލެޓަށް ހުށަހެޅުމުގެ މުއްދަދު އަންނަ މަހުގެ 15 އަށް އިތުރުކޮށްފި

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ހުޅުވައިލި ފުރުސަތު އަންނަ ޖޫމް މަހުގެ 15 އާ ހަމައަށް އިތުރު ކޮށްފިއެވެ.

ކުރިން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ މިމަހުގެ ނިޔަލަށެވެ. ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އިތުރުކުރީ ބޮޑު އީދަކީ ގިނަ ފަރާތްތަކަކުން އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށްޓަކައި ރަށުން ބޭރަށް ދާ ދުވަސްވަރަކަށް ވުމާއި، އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދު ވެފައިވުމާއެކު، ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިއުންތައް ހަމަކުރުމާއި ކަނޑައަޅައިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމުގައި ދަތިވަމުންދާ ކަމަށް ގިނަ ބަޔަކު އެ މިނިސްޓްރީއަށް ޝަކުވާ ހުށަހަޅުއްވަމުން ދާތީކަަމަށެވެ.

އެހެންކަމުން މާލެ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދި ހުޅަހަޅަން ޅުވާލާފައިވާ ހުރިހާ ސްކީމުތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ 23:59 ގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ސަރުކާތުން ހުޅުވާލާފައިވާ "ބޯހިޔާވަހިކަން އެންމެނަށް" މަޝްރޫއުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ހާއްސަކޮށްފައެވެ. އަދި ކުރީގެ ސްކީމަކުން އެކެއް ނުވަތަ ދެ ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުސަތުވެސް މި ސްކީމުން ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ހައުސިން މިނިސްޓްރީން ވަނީ ގޯއްޗާއި ފްލެޓަށް އެދުމުގެ ބައެއް އުސޫލުތަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހި ކަމެއް އޮތް ނަމަވެސް، ގޯއްޗަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުން ގޯތި ދޫކޮށްލާ، ވަކިން ގޯއްޗަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތުވެސް ހުޅުވާލާފައި ވެއެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ކެޓަގަރީގެ ޝަރުތުތަކަށް ބަދަލުތަކެއް ގެނެސް، އެ ކެޓަގަރީން ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުއްވުމުގެ ކުރިން ފޯމު ފުރިހަމަކޮށްލައްވާފައި ވަނީ އެޕްލިކޭޝަން ހުށަހަޅަން އެދޭ ސްކީމަށްތޯ އާއި، ލިޔެކިއުންތަކާއި މައުލޫމާތުތައް ފުރިހަމަ ކުރެވިފައި ވަނީ ރަނގަޅަށްތޯ ކަށަވަރު ކުރެއްވުމަށްފަހު، ފޯމު ހުށަހެޅުމަށް ހުޅުވާލައިފައިވާ މުއްދަތުގެ ތެރޭގައި، ފޯމު ހުށަހެޅުއްވުމަށް ސަމާލުވެލެއްވުމަށް މިނިސްޓރީން ވަނީ އެދިފައެވެ. އަދި އެޕްލިކޭޝަން ހުށަހަޅަން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅިފައިވާކަން ޕޯޓަލުން ކަށަވަރު ކުރުމަށް ސަމާލުކަން ދިނުމަށްވެސް ވަނީ އެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *