ކްރިމިނަލް ކޯޓުގެ އަމުރާ ހިލާފުވި ކަމަށް ބުނެ ނަޝީދާއި ޔާމީންގެ މައްސަލަ ކޯޓަށް

ކްރިމިނަލް ކޯޓުގެ އަމުރާ ހިލާފުވި ކަމަށް ބުނެ ނަޝީދާއި ޔާމީންގެ މައްސަލަ ކޯޓަށް

އައިޝާ ޑޮކިއުމެންޓަރީ ދައުރުކުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައިދިނުމަށް އެދި އަމިއްލަ ފަރާތަކުން ކްރިމިނަލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

މެއި 11 ގައި ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ނެރުއްވި އެ ގެގް އޯޑަރުގައި، އައިޝާ ޑޮކިއުމެންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުން މުޅިން މަނާކޮށް، އެ ވީޑިއޯގައި ހިމެނޭ ވާހަކަތައް އެއްވެސް ފަރާތަކުން ސީދާގޮތުންނާއި ނުސީދާގޮތުން ދެއްކުން މަނާކުރި އެވެ.

އެ އަމުރު ރައްދުވަނީ އަދަދު ނޫހުގެ ސީއީއޯ ސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށެވެ. އެ ދައުވާ އުފުލިފައިވަނީ ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޒުފުކުރުމުގެ ކުށުގަ އެވެ.

މިއަދު ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައިވާ ގޮތުގައި، ނަޝީދުގެ އެކި ސްޕީޗުތަކުގައި ތަކުރާރުކޮށް އެ އަމުރާ ހިލާފުވަމުން އަންނަ ކަމަށާއި ޔާމީންވެސް އެ ޑޮކިއުމެންޓަރީގެ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ.

އެ ދެ ބޭފުޅުންގެ އިތުރުން ރައީސް މުހައްމަދު މުއިއްޒު އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލްވެސް އެ އަމުރާ ހިލާފުވެފައިވާ ކަމަށް މައްސަލާގައި ބަޔާންކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ގެގް އޯޑަރުގައި، މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް، ޝަރީއަތް ސިއްރުކޮށް ކުރިއަށް ގެންދިއުމަށް ވެސް ކަނޑައަޅާފައިވެ އެވެ. މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ މައުލޫމާތެއް އެއްވެސް ސިފައެއްގައި ފެތުރުމަކީ ކޯޓު އަމުރާ ހިލާފުވުން ކަމުގައި ވެސް އެ އަމުރުގައި ކަނޑައަޅާފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ގާނޫނީ މާހިރުން އަންނަނީ އެ އަމުރުގެ ސައްހަކަމާ މެދު ސުވާލު އުފައްދަމުންނެވެ. ހަސްމުންގެ އިތުރުން މުޅި ރައްޔިތުންގެ މައްޗަށް މިފަދަ އަމުރެއް ހިންގުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ފުށުއަރާ ކަމެއް ކަމަށް ގާނޫނީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *