ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީން ހޯދާ، މި އަހަރުގެ ނޮވެމްބަރު 17 ގެ ކުރިން ޑީޕޯޓްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، "އޮޕަރޭޝަން ކުރަނގި" ގެ ތިން ވަނަ ފިޔަވަހީގެ ދަށުން ގަވާއިދާ ހިލާފް ބިދޭސީން ހޯދުމުގެ ފޯރިގަދަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
ތިން ލައްކަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގިއްޖެ
ވަޒީރު ވިދާޅުވި ގޮތުގައި، މި ސަރުކާރާ ހަވާލުވި އިރު ވާނުވާ ނޭނގޭ ގާތްގަނޑަކަށް ތިން ލައްކަ ބިދޭސީން ރާއްޖޭގައި ތިއްބެވެ. ނަމަވެސް ސަރުކާރުން ކުރި ގަދަ މަސައްކަތުން، މި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އެ މީހުންގެ 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް ނެގިފައިވާ ކަމަށް ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ، މި ދައުރު ނިމޭ އިރު ރާއްޖެ ވެގެންދާނީ ރައްޔިތުން ގަބޫލުކުރާ، އަދި ބައިނަލްއަގްވާމީ މިންގަނޑުތަކުން ބެލި ނަމަވެސް ބިދޭސީ މަސައްކަތްތެރިން އެންމެ ރަނގަޅަށް ބަލަހައްޓާ ގައުމުތަކުގެ ތެރޭ ހިމެނޭ ގައުމަކަށް ކަމަށެވެ.





