އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އަދި ލީވަން އަލީ ނަސީރު ޖަލަށްލި މައްސަލައިގައި ކުރީގެ ރައީސް އަދި ޕީއެންއެފްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނުރުހުން ފާޅުކުރައްވައި، ދެ ނޫސްވެރިން ވަގުތުން ވަގުތަށް މިނިވަންކުރުމަށް ސަރުކާރަށް ގޮވާލައްވައިފި އެވެ.
ޕީއެންއެފްގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ޔާމީން ވިދާޅުވީ، ނޫސްވެރިން ކުރަމުން ދަނީ ގައުމީ ފެންވަރުގެ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އެ މަސައްކަތަށް ހުރަސްއެޅުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
"ނޫސްވެރިން ކުރަނީ ގައުމީ މަސައްކަތެއް. އަބުރު ރައްކާތެރި ކުރުމުގެ ގޮތުން އަބުރުގެ ދައުވާ ކުރަން ދަސް ކުރަމާތޯ،" ޔާމީން ވިދާޅުވިއެވެ.
ދެ ނޫސްވެރިންނަށްވެސް ހުކުމް ކޮށްފައިވަނީ ދިފާއުވުމަށް ފުދޭ ވަރުގެ ފުރުސަތެއް ދިނުމަކާ ނުލައިކަން ފާހަގަ ކުރެވެ އެވެ. ވަކީލަކު ހޯދުމަށް ދެ ނޫސްވެރިންނަށް ވެސް ދީފައިވަނީ އެންމެ ދެ ގަޑިއިރުގެ ވަގުތެކެވެ.
ލީވަންއަށް 10 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ، އޭނާގެ ނަމުގައި އަދަދު ނޫހުގައި ލިޔެފައިވާ ހަބަރަކާ ގުޅިގެންނެވެ. ޝަހުޒާނަށް 15 ދުވަހުގެ ހުކުމެއް ކުރީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސުވާލެއް ކުރި މައްސަލައިގައެވެ.





