ގާނޫނާ ހިލާފުވެފައިވާ ކަމަށްބުނެ ކުރީގެ ރައީސް ޔާމީންގެ އިސްކޮށް ހުންނަވައިގެން ހިންގަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް، (ޕީއެންއެފް) 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
އެ ޕާޓީ ޖޫރިމަނާކޮށް އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުން ޕާޓީތަކުގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް މަގުފަހި ކޮށްދީފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކަމަށެވެ. މަގުތަކާއި އާންމު މައިދާން ތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ނުބޭއްވުމަށާއި އެފަދަ ބައްދަލުވެއް ބާއްވާނަމަ ގަވައިދާ އެއްގޮތަށް އަމަލު ކުރުމަށް ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ ދަށުން އާންމު ބައްދަލުވުން ބާއްވާ ތަނާއި ވަގުތާއި ބައްދަލުވުމުގެ ބާވަތް އެބައްދަލުވުމެއް ބޭއްވުމުގެ 24 ގަޑިއިރު ކުރިން އިލެކްޝަންސް ކޮމިޝަނަށް އަންގަންވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށާއި މިހާރު ޕީއެންއެފުން ސިލްސިލާކޮށް ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކުގައި އެ ގާނޫނުތަކާއި ގަވާއިދުތަކާއި ތަކުރާރުކޮށް ހިލާފުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި މިކަމުގައި ނަސޭހަތްތެރިވެ، ކޮމިޝަނާ ބައްދަލު ކުރުމުގެ ދައުވަތު ފޮނުވި ނަމަވެސް ސިޓީގެ ޖަވާބެއް ދީފައިވާނުވާ ކަމަށާއި ކޮމިޝަނާ ބައްދަލު ކުރުމަށް އިންކާރު ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގައި އެއްވެސް ޕާޓީއެއްގެ މެންބަރުން، ނުވަތަ އެ ޕާޓީއަކަށް ތާއީދު ކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުންދާ ބައްދަލުވުމަކަށް ހުރަސްއެޅޭ ފަދަ އަމަލެއް ނުކުރަން ބަޔާން ކޮށްފައި ވާއިރު ޕީއެންއެފުން ތަކުރާރުކޮށް އެ މާއްދާއާ ހިލާފުވެފައި ވާތީ 100،000 ރުފިޔާއިން ޖޫރިމަނާ ކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ. އަދި ޕީއެންއެފާއި އެ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ގާނޫނާހުލާފު އަމަލުތައް ނުހިންގުމަށް އެ ސިޓީގައި ވަނީ އިލްތިމާސް ކޮށްފައެވެ.
މިއަމަލުތައް ތަކުރާރުވާނަމަ، އެ އަމަލެއް ހިންގާ ފަރާތްތަކާމެދުވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އިންޒާރު ދީފައެވެ





