ސިނާން ޓިކެޓް ދޫކޮށްލައި ސައީދަށް ތާއީދު ކުރަން ނިންމައިފި

ސިނާން ޓިކެޓް ދޫކޮށްލައި ސައީދަށް ތާއީދު ކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރުމަށް، ޕީއެންސީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން ޓިކެޓު ދޫކޮށްލައްވައި، ޕްރައިމަރީގައި އޭނާއާ ވާދަކުރެއްވި އަހުމަދު ސައީދު (ސޮޑާ) އަށް ތާއީދު ކުރައްވަން މިއަދު ނިންމަވައިފި އެވެ.

އެކަން ހާމަކޮށް، ސޯޝަލް މީޑިއާގައި ސިނާން ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ، ޕީއެންސީގެ ޕްރައިމަރީ އަށް ފަހު، ދާއިރާގެ ގިނަ ބަޔަކާ މިދިޔަ ތިން ދުވަހު މަޝްވަރާ ކުރެއްވި ކަމަށެވެ.

މި ފަހަރު ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރަން އެންމެ ފަހި ވާނީ އޭނާ ފަހަތަށް ޖެހި، އާ ބޭފުޅަކަށް ފުރުސަތު ދީގެން ކަމަށް އެ މަަޝްވަރާތަކުން ފެނިވަޑައިގެންނެވި ކަމަށްވެސް ވިދާޅުވެފައިވެއެވެ. ޕީއެންސީގެ ޕްރައިމަރީގައި ސިނާންގެ އިތުރުން ދެން ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ. ޕީއެންސީގެ ޕްރައިމަރީގައި ސިނާނަށް 226 ވޯޓު ލިބިވަޑައިގެންނެވިއިރު ސައީދަށް ލިބިވަޑައިގަތީ 187 ވޯޓެވެ.

ޕޯސްޓުގައި ސިނާން ވިދާޅުވީ އިންތިހާބުގައި ވާދަނުކުރާނެކަން ޕާޓީގެ ރައީސާއި ލީޑަޝިޕަށް އަންގާފައިވާނެ ކަމަށާއި އަދި އެ ނިންމުން އިހުތިރާމާއެކު ބަލައިގެންފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސިނާނަށް ގެއްލުނީ، އިތުރު މީހަކާ ބައިވެރިވެގެން ސިނާން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް ސިނާން ފައިސާ ނުދެއްކެވި މައްސަލައިގައެވެ. ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *