އެމްޑީޕީ ވެރިކަމުގައި އޮތް ނަމަ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް މިހާރު ލިބިވަޑައިގެންފައިވާ މިނިވަންކަމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ހއ. މުރައިދޫން ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ޖަގަހަ ޖަލްސާ އެއްގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ފެނިވަޑައިގެންނެވީ އޯގާތެރި، ހިތްތިރި، އަދި ކެތްތެރި ވެރިންގެ ސިފަ ކަމަށެވެ.
ފަލާހު ވިދާޅުވި ގޮތުގައި، އެމްޑީޕީ ވެރިކަމުގައި އޮތް ނަމަ، ޔާމީނަށް އަމިއްލަ ގެކޮޅުގައި ތަށިމުށި ޖަހާ މަންޒަރު ބެއްލެވުމާއި، ގޭގައި ފުޓްސަލް ދަނޑު ހަދައި ޓާފް އަޅާ މަންޒަރު ބެއްލެވުމުގެ ފުރުސަތުވެސް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ. ޔާމީނަށް ފުރަތަމަ ދުވަހުން ފެށިގެން ގޭގައި އިންނެވުމުގެ ފުރުސަތު ލިބިވަޑައިގެންފައިވަނީ ރައީސް މުއިއްޒުގެ އޯގާތެރިކަމުން ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ އަށް އިޝާރަތް ކުރައްވަމުން ފަލާހު ވިދާޅުވީ، އިންތިހާބުގައި ޕީއެންސީ އަށްވުރެ 20 ގޮނޑި މަދުން ލިބުނު ޕާޓީ އުފާ ފާޅު ކުރަމުންދާ ކަމަށެވެ. އަދި ގާނޫނީ ވެރިކަމެއް ވައްޓާލަން މަގުމަތީ ހަރަކާތްތައް ހިންގަނީ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަންވެސް ވައްޓައިނުލެވުނު ޕާޓީއަކުން ކަމަށް ވިދާޅުވި އެވެ.





