ސޯލިހްގެ ސަރުކާރުން 1905 ކުށްވެރިން ދޫކޮށްލި: ޒަރިޔަންދު

ސޯލިހްގެ ސަރުކާރުން 1905 ކުށްވެރިން ދޫކޮށްލި: ޒަރިޔަންދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ޖުމްލަ 1905 ކުށްވެރިން ޖަލުން ދޫކޮށްލި ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ޕީއެންއެފްގެ ފަރާތުން ވާދަކުރެއްވި އިސްމާއީލް ޒަރިޔަންދު ތުހުމަތު ކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވީ، ސޯލިހްގެ ވެރިކަމުގެ ދުވަސްވަރު ތިން ވަނަ ބޮޑެތި އިންތިހާބަކާ ދިމާކޮށް ހަތަރު ފަހަރެއްގެ މަތިން ގިނަ ކުށްވެރިން ތަކެއް ދޫކޮށްލާފައިވާ ކަމަށެވެ.

ތަފްސީލްކޮށް ވިދާޅުވި ގޮތުގައި، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް 762 ކުށްވެރިން ދޫކޮށްލި އެވެ. 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް 458 ކުށްވެރިން ދޫކޮށްލި ކަމަށް ވިދާޅުވި އެވެ. 2022 ވަނަ އަހަރު ބޭއްވި އެމްޑީޕީ ޕްރައިމަރީ، އެ ޕާޓީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް 256 ކުށްވެރިން ދޫކޮށްލި ކަމަށް ވިދާޅުވި އެވެ. ދެވަނަ ދައުރެއް ހޯދުމަށް ވާދަ ކުރެއްވި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް 429 ކުށްވެރިން ދޫކޮށްލި ކަމަށް ވިދާޅުވި އެވެ.

ޒަރިޔަންދު ވިދާޅުވީ، ދޫކޮށްލި މީހުންގެ ތެރެއިން 70 އިންސައްތައަކީ ރައީސްގެ ފަރާތްޕުޅުން ލިބިދިން ހާއްސަ މައާފު ކަމަށެވެ.

"މައާފު ދޭންވާނެ އެވެ. ނަމަވެސް ވޯޓާ އަޅުވާ، ނުވަތަ އިސްވެރިންގެ ކޮރަޕްޝަން ފޮރުވަން މައާފު ދިނުމަކީ، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ކުރެވޭ ބޮޑު އިހުމާލެއް،" ޒަރިޔަންދު ވިދާޅުވި އެވެ.

މި ތުހުމަތުތައް ފެންމަތިވީ، ނަލަހިޔާ ރެސިޑެންސް ގޮވާލިގެ ދިޔަ ހާދިސާއަކާ ގުޅިގެން ހިންގި ތަހްގީގުގައި، 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ތުހުމަތު ކުރެވިފައިވާ ފަރާތެއް ކަމަށްވާ އިސްމާއިލް އާސިފް، ސޯލިހްގެ ސަރުކާރުން ހުކުމް ފަސް ދުވަހަށް ކުރުކޮށް ދޫކޮށްލާފައިވާ ކަން ހާމަވި ދަނޑިވަޅެއްގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *