ދެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓު: ދެ ގަޑިއިރު ތެރޭގައި 41،000 މީހުން ވޯޓުލައިފި

ދެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓު: ދެ ގަޑިއިރު ތެރޭގައި 41،000 މީހުން ވޯޓުލައިފި

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓުގެ ވޯޓުލުން ފަށައިފި އެވެ.

ވޯޓުލުން ކުރިއަށްދާނީ، މިއަދު ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ. ވޯޓު ގުނަން ފަށާނީ، ފޮށި ބަންދުކުރާތާ 1 ގަޑިއިރު ފަހުންނެވެ.

ވޯޓު ގުނުމުގައި، ފުރަތަމަ ގުނާނީ ކައުންސިލަށް އައްޔަނު ކުރާ މެންބަރުންގެ ފޮށިތަކެވެ. އަދި އެއަށްފަހު ގުނާނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވޯޓުގެ ފޮށިތަކެވެ. ޚިޔާލު ހޯދުމުގެ އާއްމު ވޯޓުގެ ނަތީޖާ ގުނާނީ، އެންމެ ފަހުންނެވެ.

އިންތިޚާބުގައި އަތޮޅުތަކުގައި 322 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި 21 ރިސޯޓާއި، 5 ޖަލެއްގައިވެސް ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަތޮޅުތަކުގައި ބަހައްޓާ ފޮށިތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ފޮށި ބަހައްޓަނީ، އައްޑޫގައެވެ. އައްޑޫގައި 29 ފޮށި ބަހައްޓައެވެ.

މާލެ ސަރަހައްދުގައި އެކަނި 241 ވޯޓުފޮށި ބަހައްޓާނެއެވެ. މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ 26 ސްކޫލެއްގައި ފޮށިތައް ބަހައްޓާއިރު، އެންމެ ގިނަ ފޮށި ބަހައްޓަނީ އަމީނިއްޔާ ސްކޫލުގައެވެ. އެއީ، 15 ވޯޓު ފޮއްޓެވެ.

އެންމެ ގިނަ ވޯޓު ފޮށި ހެންވޭރު ދަނޑުގައި ބަހައްޓާއިރު، އެތަނުގައި 30 ވޯޓު ފޮށި ބަހައްޓައެވެ.

އިންތިޚާބުތަކަށް މުޅި ޖުމުލަ 888,845 ވޯޓު ކަރުދާސް ޗާޕު ކޮށްފައިވެއެވެ. ކޮންމެ އިންތިޚާބަކަށް ޗާޕު ކޮށްފައިވަނީ، ވަކި ކަރުދާހެކެވެ. އެހެންކަމުން ވޯޓުލާ ކޮންމެ މީހަކަށް 3 ކަރުދާސް ލިބޭނެއެވެ.

‎ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޢަދަދު:
* ޖުމުލަ 294،876 މީހުން
* ފިރިހެން – 150،370
* އަންހެން – 144،506

އިންތިޚާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރުމަށް ހުށަހެޅިއެވެ. ނަމަވެސް 67 ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާއިރު 82 ކެންޑިޑޭޓުން ވަނީ، އިންތިޚާބަކާ ނުލައި ގޮނޑިތައް ކާމިޔާބުކޮށްފައެވެ. އެހެންކަމުން މި އިންތިޚާބުގައި ވާދަކުރާނީ، 2،845 ކެންޑިޑޭޓުންނެވެ.

މިހާރު ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބު އަދި ހިޔާލު ހޯދުމުގެ ވޯޓުގައި މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދަމް އާޒިމް ވޯޓު ލައްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުގައި ވޯޓު ލައްވައިފިއެވެ.

ކުރީގެ ރައީސް ޔާމީން އަދި ކުރީގެ ރައީސް ސޯލިހު ވެސް ވޯޓު ލައްވައިފި އެވެ.

ހެނދުނު 10 އާ ހަމައަށް 41،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 14 ޕަސެންޓް މީހުން. އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ ޖުުމްްލަަ 294،876 މީހުންނަށް.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *