ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް 496 ފްލައިޓް ކެންސަލް ވެއްޖެ

ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް 496 ފްލައިޓް ކެންސަލް ވެއްޖެ

އީރާން ހަނގުރާމައާ ގުޅިގެން މިހާތަނަށް ރާއްޖެއަށް 496 ފްލައިޓް ކެންސަލްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ހާމަ ކުރައްވައިފި އެވެ.

ހަނގުރާމައިގެ ސަބަބުން ކުރާ އަސަރުތައް ދެނެގަނެ ފިޔަވަޅު އެޅުމަށް އުފައްދާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގް ވިދާޅުވީ، މި މަހު ދުވާލަކު އެވްރެޖުކޮށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ހަނގުރާމައާ ހެދި 1،150 ޓޫރިސްޓުން މަދުވެފައިވާ ކަމަށެވެ.

ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ފްލައިޓްތަކުގެ ފްރިކުއެންސީ އިތުރުކޮށް، އާ އެއާލައިންތަކާ އެކު އެއްބަސްވުންތައް ހެދުމަށް ހާއްސަ ސަމާލުކަމެއް ދެވިފައިވާ ކަމަށެވެ. އެ ގޮތުން، އިތިއޯފިއަން އެއާލައިންސްއާ އެކު ވެސް ދަތުރުތައް ފެށުމަށް ވާހަކަ ދެކެވެމުން ދާ ކަމަށް ތޯރިގް ވިދާޅުވި އެވެ.

ތަފާސް ހިސާބުތަކަށް ބަލާ އިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ހަ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މި މަހު ރާއްޖެ ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު ހުރީ 143،000 ގަ އެވެ. އެ އަދަދަކީ މިދިޔަ އަހަރާ އަޅާ ބަލާ އިރު 18 ޕަސެންޓް ދަށް އަދަދެކެވެ.

ފަތުރުވެރިން ރާއްޖެ ގެނައުން އިތުރު ކުރުމަށްޓަކައި، ހާއްސަ ގޮތެއްގައި އިންޑިއާ، ޗައިނާ، އަދި އާޝިއާން ސަރަހައްދުގެ ބާޒާރުތަކަށް އަމާޒުކޮށް 200 މިލިއަނަށް ވުރެ ގިނަ އިންޕްރެޝަން ލިބޭ ގޮތަށް ޑިޖިޓަލް ކެމްޕެއިންތަކެއް ހިންގާގޮތަށް ހަމަޖެހިފައިވާ ކަމަށް ތޯރިގް ވިދާޅުވި އެވެ. ހަމައެހެންމެ، ރިސޯޓްތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުއިތަކެއް ހޯދައިދިނުމަށް ބީ.އެމް.އެލް. ގެ ފަރާތުން މާލީ ގޮތުން އެހީތެރިކަން ދެމުން ގެންދާކަމަށް ވިދާޅުވި އެވެ.

ހަނގުރާމައިގެ ސަބަބުން ޔޫ.އޭ.އީ. އާއި ގަތަރު ފަދަ ގަލްފުގެ ގައުމުތަކުގެ ވައިގެ ދަތުރުތަކަށް ވަނީ ބޮޑެތި ހުރަސްތައް ކުރިމަތިވެފަ އެވެ. ގަލްފުގެ އެއާލައިލްތަކުގެ ދަތުރުތައް ކެންސަލްވަމުން ދާތީ ރާއްޖޭގައި ތިބި 10،000 ޓޫރިސްޓުން ތާށިވި އިރު، ގިނަ ބުކިންތައް ވެސް ދަނީ ކެންސަލް ވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *