މޮރިޝަސްއަށް ފޯޅަވަހި ދޭން ޔޫކޭއިން ހެދި ޑީލާ ދެކޮޅަށް ރާއްޖޭން ކޯޓަށް ދަނީ

މޮރިޝަސްއަށް ފޯޅަވަހި ދޭން ޔޫކޭއިން ހެދި ޑީލާ ދެކޮޅަށް ރާއްޖޭން ކޯޓަށް ދަނީ

ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލު ކުރުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުން ދިވެހިރާއްޖެއިން ރަސްމީކޮށް ބަލައިނުގަންނަ ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ.

މި މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ރަސްމީކޮށް ހުށަހެޅުމަށް ސަރުކާރުން މިހާރު ކުރެވޭނެ ކަންތައްތައް ބަލަމުން އަންނަ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބީބީސީއަށް ފޮނުވި ބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖެއިން ވަނީ ނޮވެމްބަރު 2024 އާއި ޖަނަވަރީ 2025 ގައި އިނގިރޭސި ސަރުކާރަށް ސިޓީ ފޮނުވައި، މޮރިޝަސްއާ ހެދި އެއްބަސްވުމަށް ރަސްމީކޮށް އިއުތިރާޒު ކޮށްފައެވެ.

ރާއްޖޭގެ މަސްލަހަތުތަކަށް ރިއާޔަތް ކުރުމެއް ނެތި، ހަމައެކަނި މޮރިޝަސްއާ މަޝްވަރާކޮށްގެން ކުރިއަށް ދިއުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަކީ އިންތިހާ ކަންބޮޑުވުން ހުރި ކަމެއް ކަމަށް އެ ސިޓީތަކުގައި ވަނީ ފާހަގަ ކޮށްފައެވެ.

"ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުން ރާއްޖެއިން ގަބޫލުނުކުރާކަން ރަސްމީކޮށް މިވަނީ އަންގާފައެވެ. މި ނިންމުމަކީ ދިވެހިރާއްޖެއާއި އެ ޖަޒީރާތަކާ ދެމެދު އޮތް ތާރީޚީ އަދި އިދާރީ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ނިންމުމެކެވެ." ބަޔާނުގައި ވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ދެއްވި އިންޓަވިއުތަކުގައި ވިދާޅުވެފައިވާ ގޮތުން، ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ދިވެހިރާއްޖެ ކަމަށާއި، ރާއްޖެއަށް ޗާގޯސް ލިބިއްޖެ ނަމަ ޑިއޭގޯ ގާސިއާގައި ހިންގާ އެމެރިކާގެ މަރުކަޒު ހިންގެމުން ދިޔުމާ ގުޅޭ އެއްބަސްވުމެއް ހެދިދާނެ ކަމަށެވެ.

އިނގިރޭސިވިލާތާއި މޮރިޝަސްއިން މިދިޔަ އަހަރުގެ މެއި މަހު ހެދި އެއްބަސްވުމުގެ ދަށުން، ޗާގޯސްގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާ 99 އަހަރަށް ކުއްޔަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، ރާއްޖޭން ވަނީ ތާރީޚީ އަދި ޖޯގްރަފީ ގޮތުން ބަލާއިރު ޗާގޯސްއަށް ރާއްޖޭގެ ހައްގު ބޮޑު ކަމަށް ބުނެ، ތަކުރާރުކޮށް ދެކޮޅު ހަދައިފައެވެ.

ދިވެހި ސަރުކާރުން ވަނީ، ޒަމާންވީ ބައިވެރިއެއްގެ ހައިސިއްޔަތުން، މި މައްސަލައިގައި އިނގިރޭސިވިލާތް ރާއްޖެއާ ވަކިން ވާހަކަ ދައްކާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ހާމަ ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *