މިހާރު މާލެ ހިންގަނީ "ލަފާފުޅާ އިރުޝާދު"ގެ ރިމޯޓަކުން، މި ނުކުންނާނީ މާލެ ބަދަލު ކޮށްލަން: ޝާހިދު

މިހާރު މާލެ ހިންގަނީ "ލަފާފުޅާ އިރުޝާދު"ގެ ރިމޯޓަކުން، މި ނުކުންނާނީ މާލެ ބަދަލު ކޮށްލަން: ޝާހިދު

މާލެ ސިޓީ ކައުންސިލް ހިންގުމުގެ ބާރު ސަރުކާރުން "ރިމޯޓް ކޮންޓްރޯލް" އުސޫލުން ކޮންޓްރޯލު ކުރަމުން ގެންދާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އެމްޑީޕީން މާލެ ސިޓީއަށް ޚާއްޞަކޮށް ތައްޔާރުކުރި "އަމާނާތްތެރި ޚިދުމަތް – މާލޭ ސިޓީގެ ވިންދު" މެނިފެސްޓޯ ލޯންޗު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

މާލެ "ރިމޯޓުން" ހިންގާ ކަމުގެ ތުހުމަތު:

ޝާހިދުގެ ވާހަކަފުޅުގެ އެންމެ ފާހަގަކޮށްލެވޭ ބައިގައި އެމަނިކުފާނު ވަނީ މާލެ ސިޓީގެ ހިންގުން ސިފަކުރެއްވުމަށް ވަރަށް ތަފާތު އިސްތިޢާރާއެއް ބޭނުން ކުރައްވައިފައެވެ. ޝާހިދު ވިދާޅުވީ މާލޭގައި ޖަހާ ވިންދަކީ ރިމޯޓުން ޖަހަމުން ގެންދާ ވިންދެއް ކަމަށެވެ.

"އައިސީޔޫއަށް ލާފައި އޮންނަ ޕޭޝަންޓެއްގެ ވިންދު ހިންގުމަށްޓަކައި މެޝިނަކާ ގުޅާފައި އޮންނަ ގޮތަށް މިހާރު މާލޭގެ ކަންތައްތައް ހިންގެވުމާ ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުން އެކަން ކުރައްވަނީ ރިމޯޓުން. އެއަށް ކިޔަނީ ލަފާފުޅާ އިރުޝާދު،" ޝާހިދު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަ ކުރެއްވީ، މީގެ ދެ އަހަރާއި އެއް މަސް ދުވަސް ކުރިން އެމްޑީޕީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިޚާބު ކުރެވުނު އާދަމް ޢާޒިމް މަޤާމާ ހަވާލުވެވަޑައިގެންނެވިއިރު، ސިޓީ ކައުންސިލްގެ މޭޒު ވަށައިގެން އެމްޑީޕީގެ ފިކުރުގެ އެއްވެސް ބޭފުޅަކު ނެތް ކަމަށެވެ. ޝާހިދު ވިދާޅުވި ގޮތުގައި ކައުންސިލް މެންބަރުން ޢަމަލު ކުރައްވަމުން ގެންދެވީ ސަރުކާރުން ދެއްވާ "ލަފާފުޅާ އިރުޝާދު" ގެ ދަށުންނެވެ.

"މި މާލެއަށް މި ދެ އަހަރު ދުވަހުގެ ތެރޭގައި ގެނެވިފައިވާ އިޞްލާޙީ ހުރިހާ ކަމެއްގެ ޙަޤީޤީ މޭސްތެރިޔަކީ އަދި އެ މަސައްކަތް އެ މަގުން ގެންދެވި ބޭފުޅަކީ ޚުދު އަޅުގަނޑުމެންގެ މިއަދުގެ މޭޔަރު އާދަމް ޢާޒިމް ކަމާ ދޭތެރޭގައި ޝައްކެއް ނުކުރަން،" ޝާހިދު ވިދާޅުވިއެވެ.

މޭޔަރު އާދަމް ޢާޒިމްގެ ދެ އަހަރުގެ މަސައްކަތަށް ތާރީފު:

ޝާހިދުގެ ވާހަކަފުޅުގައި މޭޔަރު އާދަމް ޢާޒިމް ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކުރެއްވި މަސައްކަތްޕުޅަށް ވަރަށް ބޮޑަށް ތާރީފު ކުރެއްވިއެވެ.

ޚާއްޞަ ގޮތެއްގައި މާލެއަށް ކުރިން ދިމާވި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯއްދެވި ކަން ފާހަގަ ކުރެއްވިއެވެ.

ކުރިން މާލެއަށް ފެންފޮދެއް ވެހޭ ކޮންމެ ފަހަރަކު ކަކުލާ ހަމައަށް ފެންބޮޑުވެ، މަގުތަކުގައި ކިސަޑާއި ނަޖިސް އެޅިގެން ދާ ކަމަށާއި، އެ ހާލަތުގައި ސިޔާސީ ވެރިން ނުކުމެ "ނާޗަރަންގީ" ކުޅުނު ޒަމާން މިހާރު ބަދަލުވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ވާރޭ ވެހޭ ދުވަސް ތަކުގައި މާލޭގެ ޖަންޝަންތަކުން ނަޖިސް ކޯދުލާ އެރުމުގެ މައްސަލައަށް އިޝާރާތް ކުރައްވައި ޝާހިދު ވަނީ، ސިޔާސީ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވުމުގެ ގޮތުން ތަފާތު ބަސްމަގެއް ބޭނުން ކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ ޕީއެންސީގެ ތިން އަކުރުގެ ތެރެއިން ފަހަތުގައި އިންނަ އަކުރު ޖަންޝަން ތަކުން ކޯދުލާ އެރި މަންޒަރު ރައްޔިތުން ތަޖުރިބާކޮށްފައިވާ ކަމަށާއި، މިހާރު އެ ތަންތަން ބެދިފައިވާ ކަމަށެވެ.

"މި މާލެ އިރާދަކުރެއްވީއާ އަޅުގަނޑުމެން މިދަނީ މި ތިން އަކުރުން ސަލާމަތް ކުރަން،" ޝާހިދު ވިދާޅުވިއެވެ.

ވާދަވެރި ފަރާތްތަކާ ބެހޭ ގޮތުން ދެއްކެވި ވާހަކަ:

ޝާހިދުގެ ވާހަކަފުޅުގެ ބޮޑު ބައެއް ޚާއްޞަ ކުރެއްވީ ވާދަވެރި ފަރާތްތަކުން ވޯޓު ހޯދުމަށް ގެންގުޅޭ އުކުޅުތަކަށް ތަކަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިއަދުގެ ސިޔާސީ މާޙައުލުގައި ބިރު ދެއްކުމާއި، އިންޒާރު ކުރުމާއި، ވަޒީފާގެ ފިއްތުންތަކާއި ރިޝްވަތުގެ ޢަމަލުތައް ހިންގަމުން ގެންދާ ކަމަށެވެ.

"ވާދަކުރައްވާ ބޭފުޅުންގެ ފިކުރުގައި މުޅިންވެސް އޮންނަނީ ތިމަންނަމެންނަށް ވޯޓު ގަނެވޭނެއޭ، ތިމަންނަމެންނަށް ވަޒީފާގެ ބިރު ދައްކައިގެން ވޯޓު މަޖުބޫރު ކުރެވޭނެއޭ،" ޝާހިދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ ވޯޓު ގަންނަ ބައެއް ނޫން ކަމަށާއި، އެމްޑީޕީގެ ވިސްނުމުގައި އޮންނަނީ ރައްޔިތު މީހާގެ ކައިރިއަށް ގޮސް ޙަޤީޤަތް އޮޅުން ފިލުވައިދީގެން ވޯޓު ހޯދުން ކަމަށެވެ.

އެ ކަމުގެ ހެއްކެއްގެ ގޮތުން ފާހަގަ ކުރެއްވީ 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވި ކޮންމެ އިންތިޚާބެއްގެ ކޮންމެ ވޯޓު ކަރުދާހެއްގައި ތިލަފަތުގެ ނިޝާން އޮތް ކަމެވެ.

ހަމައެއާއެކު، މި ހުރިހާ ގޮންޖެހުންތަކެއްގެ ކުރިމަތީގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓުން ސާބިތުވެ ތިއްބެވީ ތިލަފަތް ރަމްޒު ކޮށްދޭ ޢަދުލު އިންސާފާއި ހަމަހަމަކަމާއި ތަރައްޤީ އަދި ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގުމުގެ އުސޫލު ދެމެހެއްޓުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

”އަމާނާތްތެރި ޚިދުމަތް“ މެނިފެސްޓޯ ލޯންޗު ކުރެއްވުން

މި ޖަލްސާގައި ލޯންޗުކުރެވުނު "އަމާނާތްތެރި ޚިދުމަތް – މާލޭ ސިޓީގެ ވިންދު" މެނިފެސްޓޯއަކީ، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން މާލެ ސިޓީއަށް ގެންނާނެ ބަދަލުތައް ހިމެނޭ ލިޔުމެވެ.

ޝާހިދު ސިފަކުރެއްވި ގޮތުގައި، މި މެނިފެސްޓޯގެ ތީމަކީ އަމާނާތްތެރި ޚިދުމަތާއި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސިޓީ ހިންގުމެވެ.

މެނިފެސްޓޯ ލޯންޗު ކުރުމާއި ގުޅިގެން ޝާހިދު ވިދާޅުވީ، ﷲގެ ހެޔޮ ރަޙުމަތްފުޅާއެކީ މޭޔަރު އާދަމް ޢާޒިމް އަލުން އިންތިޚާބު ކުރެވި، އެމަނިކުފާނުގެ އަރިހުގައި އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުން އިންތިޚާބުކުރެވި، މާލޭގެ ވިންދު ބަދަލުކޮށްލެވޭ ތަން ފެންނާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މި ނުކުންނަނީ މި މާލެ ބަދަލު ކޮށްލަން، މާލޭގެ ވިންދު ބަދަލު ކޮށްލަން،" ޝާހިދުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *