އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދޭން ފަށާފައިވާ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ވައިގެ ސަރަހައްދު ނުރައްކަލަށް ހުށަހެޅި، ރާއްޖެއަށް ދަތުރުކުރާ ބޮޑެތި އެއާލައިންތަކުގެ ފްލައިޓްތައް ކެންސަލްވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވަރަށް ބޮޑަށް ތޮއްޖެހިއްޖެއެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އުފުލާ ގަތަރު އެއާވޭސް އާއި އެމިރޭޓްސް ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ދުބާއީ، ދޯހާ ގައި ޓްރާންސިޓްކޮށް ރާއްޖެ އަންނަ ފަތުރުވެރިންނަށް ވަނީ ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. މިއަދު ދުބާއީ އަށް ދިޔަ ފްލައިޓެއް ވެސް ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެން ވަނީ ރާއްޖެ އެނބުރި ފޮނުވާލާފައެވެ.
އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ފޭސްބުކްގައި ލިޔުއްވި ގޮތުގައި، މިވަގުތު 2000 އަށްވުރެ ގިނަ ފަތުރުވެރިން ވީއައިއޭގައި ތިބި ކަމަށް ބެލެވޭ ކަމަށާއި، ވަގުތުން ބޭނުންވާ ހިދުމަތްތައް ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ. ވީއައިއޭގެ އަލަށް ހުޅުވި އިންޓަނޭޝަނަލް ޓާމިނަލް ވަނީ ދަތުރުވެރިންނުން ފުރި ބާރުބޮޑުވެފައެވެ.
ރަސްމީ ބަހެއް ވީއައިއޭ ހިންގާ އެމްއޭސީއެލްއިން އަދި ނެރެފައި ނެތް ނަމަވެސް، ހަލަބޮލި މި ހާލަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބެލެވެއެވެ.





