ޗާގޯސް ޖަޒީރާގެ މިލްކުވެރިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ބަހުސް ކުރައްވަމުން، އެ ގައުމުގެ ރިފޯމް ޕާޓީގެ ލީޑަރު ނައިޖެލް ފަރާޖް ވަނީ ފޯޅަވަހި ނުވަތަ ޗާގޯސްގެ މިލްކުވެރިކަމުގެ ހައްގު މޮރިޝަސްއަށް ވުރެ ބޮޑަށް އޮތީ ދިވެހިރާއްޖެއަށް ކަމަށް ވިދާޅުވެފައެވެ.
އިނގިރޭސިވިލާތުގެ "ހައުސް އޮފް ކޮމަންސް" ގައި ވާހަކަ ދައްކަވަމުން ފަރާޖް ވިދާޅުވީ، ޗާގޯސްގެ ރަށްތަކަކީ ޖިއޮގްރަފީ ގޮތުން ބަލާއިރު މޮރިޝަސްއާ ވަރަށް ދުރުގައި، ނަމަވެސް ދިވެހިރާއްޖެއާއި ވަރަށް ކައިރީގައި އޮތް ރަށްތަކެއް ކަމަށެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ތާރީޚީ ގޮތުންނާއި ޖިއޮގްރަފީ ގޮތުން ބެލިޔަސް އެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ އެއްވެސް ހައްގެއް އޮތް ކަމަށް ގަބޫލެއް ނުކުރެވެއެވެ.
ފަރާޖްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ދައުވާ ކުރަނީ އެއްވެސް އަސާސެއް ނެތި ކަމަށެވެ.
"މޮރިޝަސް އޮތީ ޗާގޯސްއާ 1،100 މޭލު ދުރުގައި. އެކަމަކު ދިވެހިރާއްޖެއާ ޗާގޯސްއާ ދެމެދު ހުރީ އެންމެ 300 އެއްހާ މޭލު،" އޭނާ ވިދާޅުވިއެވެ.
އޭނާ ބަހުސް ކުރެއްވި ގޮތުގައި، ޗާގޯސްގެ މައްޗަށް މޮރިޝަސްއަށް ވުރެ ބޮޑަށް ދިވެހިރާއްޖޭގެ ހައްގު އޮތްކަން މިއީ ހާމަކަން ބޮޑު ހަގީގަތެކެވެ.
އިނގިރޭސި ސަރުކާރުން ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ދޫކޮށްލުމަށް ނިންމާފައިވާ ނިންމުމަށް ފާޑު ވިދާޅުވަމުން ފަރާޖް ވިދާޅުވީ، މިއީ އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް ނުރައްކާވެދާނެ ކަމެއް ކަމަށެވެ. އަދި މި ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން ބެލިޔަސް އިންސާފުވެރި ނިންމުމެއް ނޫން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގެ މިހާރުގެ ސަރުކާރުންވެސް ވަނީ ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.





