1 ދުވަހުން ރާއްޖެއަށް 10،000 އަށްވުރެ ގިނަ ފަތުރުވެރިން

1 ދުވަހުން ރާއްޖެއަށް 10،000 އަށްވުރެ ގިނަ ފަތުރުވެރިން

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރުމުގެ އައު ރެކޯޑެއް މިދިޔަ އާދިއްތަ ދުވަހު ގާއިމުކޮށްފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އެ ދުވަހު ރާއްޖެއަށް 10،253 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި ރެކޯޑު ގާއިމުވުމުގެ ކުރިން އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. އެ ދުވަހު 10،213 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކުރި ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ޖުމްލަ 235،041 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކުރި 224،358 ފަތުރުވެރިންނާ އަޅާ ބަލާއިރު 4.8 އިންސައްތައިގެ ކުރިއެރުމެކެވެ. އިތުރަށް ބަލާއިރު ނިމިދިޔަ ޖަނަވަރީ މަހަކީ ރާއްޖޭގެ ތާރީޚުގައި އެއް މަހެއްގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަހަށް ވެގެންދިޔައެވެ. އެ މަހު 224،788 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ލިސްޓުގައި ރަޝިޔާ އޮންނަނީ ކުރީގައެވެ. އެ ގައުމުން 30،484 ފަތުރުވެރިން އައިސްފައިވާއިރު ދެވަނައިގައި އޮތް ޗައިނާއިން 24،576 ފަތުރުވެރިން ވަނީ އައިސްފައެވެ. އިޓަލީ (24،498) ތިންވަނައިގައި އޮތްއިރު ހަތަރުވަނައިގައި އޮންނަނީ އިނގިރޭސިވިލާތް (21،354) އެވެ. ފަސްވަނައިގައި އޮންނަނީ ޖަރުމަނުވިލާތް (14،671) އެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މިވަގުތު ޖުމްލަ 68،915 އެނދު ހުރެއެވެ. މި އަދަދުގެ ތެރޭގައި 186 ރިސޯޓެއްގެ 45،893 އެނދާއި 976 ގެސްޓްހައުސްއެއްގެ 16،940 އެނދާއި 16 ހޮޓަލެއްގެ 2،598 އެނދުގެ އިތުރުން 173 ސަފާރީއެއްގެ 3،484 އެނދު ހިމެނެއެވެ. ނަމަވެސް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި މީގެ ތެރެއިން މިވަގުތު އޮޕަރޭޝަނަލްކޮށް ހުންނަނީ 67،829 އެނދެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *