ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ: ރައީސް

ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ: ރައީސް

ޗާގޯސް ޖަޒީރާ ނުވަތަ ދިވެހިންގެ ނަމުން ނަމަ ފޯޅަވަހީގެ މައްޗަށް ސިޔާދަތީ ބާރު ހިންގުމުގެ އެންމެ ބޮޑު ހައްގެއް އޮތީ ދިވެހިރާއްޖެއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ "އެކްސްޕްރެސް ކޯ ޔޫކޭ" ނޫހަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުން ގެންގުޅޭ ކަންބޮޑުވުންތައް މިހާރު ވާނީ އިނގިރޭސި ސަރުކާރާ ހިއްސާ ކުރައްވާފައި ކަމަށެވެ. ނަމަވެސް އެ މަޝްވަރާތަކުގެ ތަފުސީލުތައް މިވަގުތު ހާމަކުރެވެން ނެތްކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ރާއްޖެއާއި ޗާގޯސްގެ ރަށްތަކާ ދެމެދު ތާރީޚީ ގޮތުންނާއި ޖިއޮގްރަފީގެ ގޮތުން ވަރަށް ގާތް ގުޅުމެއް އެބައޮތެވެ. ރާއްޖޭގެ އެންމެ ދެކުނުން އޮންނަ މި ރަށްތަކަކީ ދިވެހިންގެ ތާރީޚާ ގުޅިފައިވާ ތަނެއްކަން ސާބިތުކޮށްދޭ ތާރީޚީ ލިޔެކިޔުންތައް ފެންނަން ހުރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރާއްޖެއާއި ޗާގޯސްގެ ރަށްތަކާ ތާރީޚީ ގުޅުމެއް އެބަހުރި. ދިވެހީން ކިޔާ ގޮތުން ނަމަ ފޯޅަވަހި. އެއީ، ރާއްޖޭގެ ދެކުނުގައި އޮންނަ ތަނެއް. މި ކަމާ ބެހޭ ލިޔެކިޔުންތަކެއް ފެންނަން ހުރުމުން ރާއްޖޭން ގަބޫލުކުރަނީ އެހެން އެއްވެސް ގައުމަކަށް ވުރެ ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށް،" ރައީސް ވިދާޅުވިއެވެ.

ޗާގޯސްގެ މިލްކުވެރިކަމާ މޮރިޝަސްއާ ހަވާލު ކުރުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައި ރައީސް މިފަދައިން ވިދާޅުވިއިރު، ޗާގޯސްގެ މައްސަލައިގައި ކުރީގެ ސަރުކާރުން ނިންމި ނިންމުން ބަދަލު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރައީސް އިތުރަށް ވިދާޅުވީ، މި މައްސަލައިގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސަރުކާރުން ކުރައްވާނެ ކަމަށެވެ.

މި މައްސަލައަކީ ދިވެހިރާއްޖޭގެ ގައުމީ ސިޔާދަތާއި، އިގްތިސާދީ ސަރަހައްދާ ސީދާ ގުޅުންހުރި މުހިންމު މައްސަލައެއް ކަމަށާއި އެހެންވެ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ހައްގުތައް ހޯދުމަށް ގާނޫނީ އަދި ސިޔާސީ ގޮތުން ކުރެވެން ހުރި މަސައްކަތްތައް ކުރިއަށްދާނެ ކަމުގައި ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *