ކައުންސިލް އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުން އޮންލައިންކޮށް ފޯމު ފުރަން ޕޯޓަލެއް ހަދައިފި

ކައުންސިލް އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުން އޮންލައިންކޮށް ފޯމު ފުރަން ޕޯޓަލެއް ހަދައިފި

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް މައުލޫމާތު ފޯމު ފުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި، އޮންލައިންކޮށް ފޯމު ފުރުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ އެކަމަށް ޚާއްސަކޮށް ފަރުމާ ކޮށްފައިވާ ޕޯޓަލެއްގައެވެ. އެގޮތުން ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތާރީޚުގެ ކުރިން އެ ކޮމިޝަންގެ ޕޯޓަލް ހުޅުވާލުމުން، އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ފުރިހަމަ ކުރުމަށް އެކަށީގެންވާ ވަގުތު ދޭނެކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފައެވެ. ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ފޯމު ފުރުމުން އިންތިޚާބަށް ތައްޔާރުވާން ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މި ޕޯޓަލް މެދުވެރިކޮށް ފޯމު ފުރަން ބޭނުންވާ ފަރާތްތަކުން ޕޯޓަލްއަށް ވަދެވޭނީ އީފާސް މެދުވެރިކޮށެވެ. އެގޮތުން އިންތިޚާބަށް ކުރިމަތިލަނީ ސިޔާސީ ޕާޓީއަކުން ކަމަށް އިޚުތިޔާރުކޮށްފިނަމަ، އެ ޕާޓީއަކުން އެ ކެންޑިޑޭޓަކު އެންޑޯޒް ކުރުމަށް ރިކުއެސްޓެއްދާނެއެވެ. އަދި އަމިއްލަ ގޮތުން އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން މަދުވެގެން 50 މީހުންގެ ތާއީދު ހޯދަން ޖެހޭނެއެވެ. އެގޮތުން އެ ކެންޑިޑޭޓަކަށް ތާއީދު ދޭން ބޭނުންނަމަ، ނުވަތަ ނޫން ނަމަ، ދާއިރާގެ ރައްޔިތުން އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލަށްވަދެ، ތާއީދު ދިނުމަށް ނުވަތަ ނުދިނުމަށްވެސް ނިންމޭގޮތް ޕޯޓަލްގައިވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ފޯމު ހުށަހެޅި ނަމަވެސް އެއީ އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅުން ނޫން ކަމަށާއި، އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހަޅަންޖެހޭނީ އެކަމަށް އެ ކޮމިޝަނުން އިއުލާން ކުރުމުން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *