އަދާލަތު ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން، މިވަގުތު އެ ޕާޓީގެ ރައީސް ކަމުގައި ހުންނެވި ޝައިޚް އިމްރާން އަބްދުﷲ އަށް މިފަހަރު ޕާޓީގެ ރައީސް ކަމަށް ކުރިމަތިނުލެއްވޭނެކަން އެނގިއްޖެއެވެ.
"މާލެ ޓައިމްސް" އާ ވާހަކަ ދައްކަވަމުން އިމްރާން މިއަދު ވިދާޅުވީ، ޕާޓީގެ ރައީސް ކަމަށް ކުރިމަތި ނުލެއްވެނީ، އަސާސީގަވައިދުގައި ބުނާގޮތުން އެކަކަށް ރައީސް ކަމުގައި ހުންނެވޭނީ ވިދިވިދިގެން ދެ އަހަރުގެ މުއްދަތަކަށް ކަމުގައި އޮތުމުން ކަމަށެވެ.
"އަޅުގަނޑު މިހާރު އަސްލުގައި 13 އަހަރު އަދާލަތު ޕާޓީގެ ރައީސް ކަމުގައި މިހުރީ. އެކަމަކަށް ރައީސް ކަމުގައި ހުރެވޭނީ ވިދިވިދިގެން ފަސް އަހަރުގެ ދެ ދައުރު. އެކަމަކު އަޅުގަނޑަށް ފަސް އަހަރުގެ ދެ ދައުރަށްވުރެ ގިނަދުވަހު ރައީސް ކަމުގައި ހުރެވުނީ، އޭރު އަޅުގަނޑު ޖަލުގައި ހުރި މުއްދަތު ނުގުނަން ޕާޓީން ނިންމާފައި އޮތުމުން. އެބޭފުޅުން ބޭނުންވީ ޖަލުގައި ހުރި މުއްދަތު ނުހިމަނައި 5 އަހަރުގެ ދެ ދައުރު އަޅުގަނޑަށްދޭން. އެހެންވީމާ މިފަހަރު އަޅުގަނޑަށް ރައީސް ކަމަށް ކުރިމަތި ނުލެވޭނެ" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތި ނުލެއްވުނު ނަމަވެސް، މިހާރު ރައީސް ކަމަށް ކުރިމަތި ލައްވާފައިވާ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާންއަށް ތާއީދު ކުރައްވާ ކަމަށެވެ.
"ޝިފާން އެކަމަށް ރަނގަޅުވާނެ. ޝިފާން ދެން އެކަމަށް އަންނަންވީވެސް. މިހާރުވެސް ނައިބު ރައީސް އެއީ" އިމްރާންގެ ތާއީދު ޝިފާންއަށް އޮތްކަން ހާމަކުރައްވަމުން ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތި ލައްވައި މިއަދު ފޯމު ހުށަހެޅިކަން ޝިފާންވެސް ވަނީ ޔަގީންކޮށް ދެއްވާފައެވެ.
"ﷲގެ ޙަޟުރަތުން ވާގި އެދިހުރެ، ދިވެހިރާއްޖޭގެ އިސްލާމީ ސިޔާސީ ހަރަކާތް، ޢަދާލަތު ޕާޓީގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފޯމު އަޅުގަނޑު މުޙައްމަދު ޝިފާން މިއަދު ޕާޓީގެ އޮފީހަށް ހުށަހަޅައިފީމެވެ." ޝިފާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޕާޓީގެ ރައީސްކަން ލިބިއްޖެނަމަ، ޢަދާލަތު ޕާޓީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމުގައި ދެމި ހުންނާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ. އަދި އެކަމުގައި މެމްބަރުންގެ ތާއީދާއި އެއްބާރުލުން ދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
އަދާލަތު ޕާޓީގެ ރައީސް ކަމަށް މިހާތަނަށް ޝިފާން ފިޔަވައި އެހެން ބޭފުޅަކު ކުރިމަތިލެއްވިކަމެއް އަދި ކަށަވަރު ވެފައިނުވެއެވެ. ޝިފާންއަކީ މީގެކުރިންވެސް އެ ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ފަރާތެކެވެ.




