ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅީ، ކުރިއަށް އޮތް އިންތިހާބުތައް ވަގަށް ނަގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން 10 އަހަރަށް ދައްމާލުމަށް ސަރުކާރުން ހުށަހެޅި އިސްލާހެއް ކަަމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އަހްމަދު ފަލާހު ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ބިލް ހުށަހެޅީ، މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލުމަށާއި، ދެ އިންތިހާބު އެކޮށްލުމަށެވެ.
އެ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލަން އެމްޑީޕީން ތާއީދު ނުކުރާ ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ކަމެއް ކުރާއިރު، އެމްއެންޔޫ މެދުވެރިކޮށް އެކަމުގެ ދިރާސާއެއްކޮށް، އޭގެ ނަތީޖާއަށް ބަލަންޖެހޭ ކަމަށެވެ. ނަމަވެސް އެކަންތައްތައް ނުބަލައި އެފަދަކަމެއް ކުރުމަކީ، މިހާރު އޮތް ވެރިކަން 10 އަހަރު ދުވަހަށް ދައްމާލުމުގެ ނިޔަތުގައި ކުރާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމުން ޚަރަދު ކުޑަވާނެ ވާހަކަ ޕީއެންސީ ބުނާ ބުނުމަކީ ދޮގެއް ކަަމަށެވެ. އެގޮތަށް ހަރަދު ކުޑަވާނެ ވާހަކަ ދައްކާއިރު، ޕަބްލިކް ވޯކްސްއަށް 500 މީހުންވައްދަން އިއުލާން ކޮށްފައިވާ ކަމަށާއި، އެއީ އަހަރަކު 72 މިޔަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުވާނެ ކަމެއްކަންވެސް ޣަފޫރު ވިދާޅުވިއެވެ.




