މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި، މޯލްޑިވްސް ޒަކާތު ހައުސް އުފައްދައިފިއެވެ.
ޒަކާތު ހައުސްއާބެހޭ ގާނޫނު ވުޖޫދުވުމާއެކު ޒަކާތު ހައުސް އުފެއްދެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެއާއެކު، ޒަކާތުގެ ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންއައި މޯލްޑިވްސް ޒަކާތު ހައުސް، މިހާރު ވަނީ އުވާލާފައެވެ.
އިސްލާމްދީނުގައި ޒަކާތް ޝަރުޢު ކުރައްވާފައިވާ މަޤުޞަދުތައް ޙާޞިލު ކުރެވޭނެ ގޮތެއްގެ މަތިން ދިވެހިރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ޤާނޫނީ އޮނިގަނޑު ބަޔާންކޮށް، ޒަކާތާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގެ މަޤްޞަދުގައި އެކުލަވާލައި ރައްޔިތުންގެ މަޖިލީހުން ފާސް ކުރެއްވި ޒަކާތުގެ ބިލު ތަސްދީޤު ކުރައްވާފައި ވަނީ، ހުސްވި އަހަރުގެ ޑިސެމްބަރު މަހު ކުރީކޮޅުގައެވެ. މި ގާނޫނަށް އަމަލު ކުރަން ފެށީ އިއްޔެއިން ފެށިގެންނެވެ.




