މާލޭގެ ހުރިހާ އަވަށެއްގައި ދިރިއުޅޭ ފަރާތްތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، ރައްޔިތުން ފާޅުކުރި ހުރިހާ ކަންބޮޑުވުންތަކެއް ހައްލު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ އަވަށްތަކުގެ ރައްޔިތުންނާއެކު ބާއްވަން ފެއްޓެވި ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލެ ފޭސް އެކެއްގައި ދިރިއުޅޭ ފަރާތްތަކާއެކު ރޭ ބޭއްވި ބައްދަލުވުމާއި ހަމައިން މާލޭގެ ހުރިހާ އަވަށެއްގެ ރައްޔިތުންނާ ބައްދަލުކޮށް ނިމުނީއެވެ.
ރައީސް ވިދާޅުވީ،މާލޭގެ އަވަށްތަކާއެކު ބައްދަލު ކުރައްވަން ފެއްޓެވި ހިސާބުން ފެށިގެން އެކިއެކި ރައްޔިތުންގެ ފަރާތުން ލިބިލެއްވި އެކިއެކި ޝަކުވާތަކާއި އެމަނިކުފާނާއި ސަރުކާރުގެ ކިބައިން އެދިވަޑައިގެންފައިވާ އެކިއެކި އެދިވަޑައިގަތުމަށް އެކި މަރުހަލާގައި ހައްލުތައް ގެނައުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.
އެގޮތުން ސެލޫންތަކުގެ ނަމުގައި ޤާނޫނާއި ގަވާއިދާއި ހިލާފަށް ދީނީ މިންގަނޑަށްވެސް ނުފެތޭ ގޮތަށް ހިންގަމުން ދިޔަ 83 މަސާޖުޕާލާއެއް އިކޮނޮމިކް މިނިސްޓްރީ، އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން އުފެއްދި ޓާސްކް ފޯހުން 9 ޑިސެމްބަރުން ފެށިގެން 21 ޑިސެންބަރާ ދެމެދު މިހިނގި ދުވަސްކޮޅުގެ ތެރޭގައި ބަންދު ކުރެވިފައިވާ ކަމުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިދިޔަ ތިން ހަފުތާތެރޭގައި އެކަނިވެސް، ބިދޭސީން ޤަވާޢިދާ ޚިލާފަށް ހިންގަމުން ދިޔަ 56 ވިޔަފާރިއެއް ބަންދު ކުރެވިފައިވާ ކަމަށެވެ.





