ރާއްޖެ މިއޮތީ ބަނގުރޫޓުވުމުގެ ތުންފަތްމައްޗަކު ނޫން، ބޭރުގެ އިތުބާރުވެސް ރާއްޖެއަށް މިހާރު އެބައޮތް: ޒަމީރު

ރާއްޖެ މިއޮތީ ބަނގުރޫޓުވުމުގެ ތުންފަތްމައްޗަކު ނޫން، ބޭރުގެ އިތުބާރުވެސް ރާއްޖެއަށް މިހާރު އެބައޮތް: ޒަމީރު

ރާއްޖެ މިވަގުތު މިއޮތީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައި ދެކެވަޑައިނުގަންނަވާ ކަމަށާއި، ބޭރު ގައުމުތަކުގެ ލޯނު އެހީގައިވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދި، ބޭރު ގައުމުތަކުގެ އިތުބާރުވެސް ރާއްޖެއަށް މިހާރު އެބައޮތް ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

އަމިއްލަ ކުންފުނިތަކަށް ގިނަ މަޝްރޫއުތަކެއް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ، ސަރުކާރާ ހަވާލުވީއިރު ދައްކަން ޖެހިފައި އޮތް ދަރަނީގެ ތެރެއިން 1 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާވެސް މިހާރު ދެއްކިފައިވާ ކަމަށެވެ.

"ދިވެހިރާއްޖެއަކީ ބަނގުރޫޓުވުމުގެ ތުންފަތްމަތީގައިވާ ގައުމެއް ކަމަށް މިހާރު ނުދެކޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުން ބައިނަލްއަގުވާމީ އިތުބާރު އަލުން ގާއިމުކޮށް، ބޭރު ގައުމުތަކުގެ ކިބައިން ދަރަނީގެ ލުއިތައް ހޯދައިފައިވޭ، ރާއްޖެއަކީ އިތުބާރުހުރި ބައިވެރިއެއްގެ ގޮތުގައި މިހާރު ވަނީ ބަލައިގަންނަން ފަށައިފައި،" 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ، ކޮންޓްރެކްޓާރ ފައިނޭންސިން ދަށުން މިއަދު ހަވާލުކުރާ 206 މަޝްރޫއެއްގައި ސޮއި ކުރެވިގެން ދިއުމަކީވެސް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ވިދާޅުވީ، މިއަދު ހަވާލުކުރާ މަސައްކަތްތައް ޒިންމާދާރުކަމާއެކީ ގެންދިއުމަށްޓަކައި، ސަރުކާރުން ކަނޑައަޅާ ޕާފޯމެންސް މިންގަނޑުތަކާއި މަސައްކަތުގެ ނަތީޖާތަކާ ގުޅޭ ގޮތަށް ފައިސާ ދިނުމާގުޅޭ އޮނިގަނޑެއް ހައްދަވާނެ ކަމަށެވެ. އަދި ސޮއިކުރި މަޝްރޫއުތައް ކުރިއަށްދާއިރު، ސަރުކާރުގެ އެކި މުއައްސަސާތަކުން މަސައްކަތް ނިންމާ މިންވަރު ވަޒަންކޮށް، ފައިސާ ދެމުންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އަމިއްލަ ކުންފުނިތަކާ މިއަދު 206 މަޝްރޫއެއް ހިންގަން ސޮއި ކުރިއިރު، ސަރުކާރުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ކޮށްފައިވާ މަސައްކަތުގެ ފައިސާ ނުލިބުމާއި ލަސްވުމުގެ ޝަކުވާތަކަކީ އަމިއްލަ ކުންފުނިތަކުން ކުރަމުންދާ އެންމެ ބޮޑު ޝަކުވާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *