ސިއްހީ ހާލަތު ހުރި ގޮތުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މިއަދުގެ ޖަލްސާގައި ކުރައްވަން ހަމަޖެހިފައިވާ ސުވާލަށް ޖަވާބު ދެއްވަން މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު މިއަދު މަޖިލީހަށް ވަޑައެއްނުގެންނެވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބ. ކިހާދޫގައި ހިންގަމުން އައި 'ޓިވެޓް' ޓްރެއިނިންގ ސެންޓަރުގެ މައްސަލައިގައި މިނިސްޓަރާ ސުވާލު ކުރަން ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.
މައުރޫފް މިނިސްޓަރާ ސުވާލު ކުރަން ހުށަހަޅުއްވާފައިވަނީ ކިހާދޫ "ޓިވެޓް" ޓްރެއިނިންގ ސެންޓަރުގެ މަސައްކަތް ހުއްޓިފައިވާ މައްސަލައިގައެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ގާނޫނުގައިވާ ގޮތުގެ މަތިން ސުވާލުގެ ނޯޓިސް މިނިސްޓަރު ހައިދަރަށް ރައްދުކޮށްފައި ވަނިކޮށް ރޭގެ ވަގުތެއްގައި މިނިސްތަރު ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
މިނިސްޓަރުގެ ސިއްހީ ހާލަތު ހުރިގޮތުން މިއަދުގެ ޖަލްސާގައި ކުރަން ހަަމޖެހިގައިވާ ސުވާލަށް ޖަވާބު ދެއްވަން ވަޑައިގެންނެވެން ނެތް ކަަމަށް އެ ސިޓީގައި ވިދާޅުވެފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މަޖިލީހަށް އެޖެންޑާ ކުރެެވެން އޮތް އެންމެ އަވަހަކަށް އެ ސުވާލު ކުރަން އެޖެންޑާ ކުރައްވާނެ ކަަމަށެވެ.