މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު (21އ)، ވެއްޓުނު މައްސަލައިގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތަށް ބަލައި، އިހުމާލު ވެފައިވާ ފުލުހުން އިހުމާލު ވެފައިވާ މިންވަރު ދެނެގަތުމުގެ ތަހުގީގެއް ކުރިއަށްދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމައު އިބްރާހިމް ލިއުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު މިނިސްޓަރާ ސުވާލު ކުރައްވާފައި ވަނީ ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން ނެރުއްވި ރިޕޯޓުގައ،ި ފުލުހުންގެ އިހުމާލު ތަކެއް ހުރިކަމަށް ފާހަގަކޮށް އެކަން ކަމަށް ފިޔަވަޅު އަޅަން ލަފާ ދެއްވާފައި ވާއިރު އެކަމާއި ގުޅިގެން ފުލުހުންގެ އެއްވެސް ފަރާތަކާމެދު ފިޔަވަޅެއް އަޅާފައިވޭތޯ އާއި، ފިޔަވަޅެއް އަޅާފައިވާނަމަ އެޅި ފިޔަވަޅަކީ ކޮބައިތޯއެވެ.
މި ސުވާލަށް ލިމުން ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ޔުމްނު ވެއްޓިފައި އޮތް ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާއި ގުޅިގެން، ހިނގައިދިޔަ ކަންތައް ތަކުގައި ވަކިވަކި ފުލުހުން އިހުމާލު ވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި ފުުހުންގެ ޕްރޮފެޝަނަލް ސްޓޭންޑެޑް ކޮމާންޑްސްގެ ފަރާތުން ތަހުގީގު ފަށާފައިވާ ކަމަށެވެ.
އެ ތަހުގީގުގެ ދަށުން ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލު ކުުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، އެތަހުގީގު ވީ އެންމެ އަވަހަށް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ މައްސަލައާއި ގުޅިގެން ފުލުހުންގެ ކޮމިއުނިކޭޝަން ސެންޓަރުގެ ޕްރޮސީޖާ ރިވިއުކޮށް، އެސްއޯޕީއަށް މުވައްޒަފުން އަހުލުވެރި ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރައީސް އުފެއްދެވި ރިހާސީ ކޮމިޝަންގެ ހުށަހެޅުންތައް ތަންފީޒުު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ޔުމްނު ވެއްޓުނު މައްސަލައިގައި ފުލުހުން އަމަލު ކޮށްފައިވަނީ ފަރުވާ ކުޑަކޮށް ކަމަށާއި ފަރުވާ ކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށް ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވަނީ ބުނެފައެވެ.
އިހުސާން ވިދާޅުވީ، ޔުމްނު މައްސަލައިގައި ރައުދާ ބައްދަލުވި ފަރާތްތަކާވެސް ސުވާލު ކުރުން ކުރިއަށް އެބަދާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަން ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި އެ މައްސަލައާ ގުޅިގެން ޖިނާއީ ތަހުގީގު ހިންގަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގ.އެރިޔަދޫ ދާވޫދު އަހުމަދާ ސުވާލުކޮށް، ބަޔާން ނަގާފައިވާ ކަަށެވެ. ދާއޫދަކީ ޔުމްނު ވެއްޓުނު މައްސަލައިގައި ތުހުމަތު ކުރެވުނު ރައުދު އަހުމަދުގެ ބޭބެއެވެ.
ޔުމްނު ވެއްޓުނު މައްސަލައިގައި އޭނާ އާއެކު އެންމެ ފަހުން އުޅުނު ރައުދު އަހްމަދު ޒިލާލްއާއި އެއްވަރަށް އޭނާގެ ބޭބެ އަދި ރައީސް އޮފީހުގެ އޭރުގެ އަންޑަ ސެކްރެޓަރީ ދާއޫދު އަހުމަދުގެ އިހުމާލުވެސް އޮތް ކަމަށް ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ބުނެފިއެވެ.
އެ މައްސަލައިގައި ފުލުހުން އަދި ރިޔާސީ ކޮމިޝަނުންވެސް ދާއޫދާ ވަނީ ސުވާލުކޮށްފައެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާ ކަމަށް، އެ މައްސަލަ ތަހުގީގު ކުރުމަށް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައި ވާތީ ދާއޫދު ވަނީ މަގާމުން ވަކިކޮށްފައެވެ.
"މީގެ އިތުރުން ތަހުގީގުގައި މިހާރު ކުރަމުންދާ މަސައްކަތަކީ، އެ ރިޕޯޓްގައި އިތުރަށް ފާހަގަ ކޮށްފައިވާ ހ. މާއިރާއިން ރައުދު އަހުމަދާ ބައްދަލުވި އިތުރު ފަރާތްތަކާ ސުވާލުކޮށް ބަޔާން ނެގުމުގެ މަސައްކަތް،" މިނިސްޓަރު ވިދާޅުވިއެވެ.