އެމްޑީޕީން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބާއްވާ އެއްވުމުގެ ތެރެއަށް ކުށްކުރާ ގުރޫޕުތައް ނެރެ މާލެތެރެ ހަލަބޮލި ކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ފުރުސަތު ނުދޭނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
އެމްޑީޕީން އިސްވެ އޮވެގެން މިމަހު ތިނެއްގައި ބާއްވަން ރާވަމުން އަންނަ މުޒާހަރާއާ ބެހޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ތަކުގައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމަށް ބޭނުން ކުރުމުގެ ހަމަތައް ބަޔާންކުރާ ކަމަށެވެ.
އެ ގާނޫނާ އެއްގޮތަށް ސުލްހަވެރިކަމާއެކު ކުރިއަށް ގެންދާ ހަރަކާތްތަކަށް ރައްކާތެރިކަމާއި އެފަދަ ހަރަކާތްތައް ހިންގާ ސަރަހައްދު ތަކުގެ މަގުތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ އެ އިދާރާއިން ވަރަށް ސަމާލުކަން ދޭ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް، ފުލުހުން ހުއްދަ ދީފައިވާ ރޫޓުގެ ބޭރުން، ސިޔާސީ ފަރާތް ތަކުން ބާއްވާ އެ ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި، ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ، މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދޭން ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެހެންކަމުން ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު އަދި މާލޭގެ އަމާންކަމާއި އާންމު މަސްލަހަތު ގެއްލިދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް އެބަޔާނުގައި ފުލުހުން ވަނީ ގޮވާލައިފައެވެ.
މުޒާހަރާ ކުރުމަށް ހުއްދަ ދީފައިވަނީ ބޮޑުތަކުރުފާނު މަގުން ގޮސް މާލޭގެ ބޮޑު ހަ މަގަކުންނެވެ.