މުޙައްމަދު ޝައްފާނަށް މަރުޙަބާއެވެ. ދުނިޔޭގެ އެންމެމޮޅު އަދި އެންމެ ޝަރަފްވެރި ޔުނިވާސިޓީ ތަކުގެ ތެރޭގައި ހިމެނޭ، އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އިން އެންމެ ފުރަތަމަ ޕީއެޗްޑީ ޙާސިލްކުރި ދިވެއްސެއްގެ ޝަރަފާއި ފަޚުރު ހޯއްދެވީތީއެވެ. އަދިވެސް އެއްފަހަރު ޝައްފާނަށް ހޫނު މަރުޙަބާއެކެވެ.
އުމުރުން 30 އަހަރުގެ ޝައްފާން މި ހިސާބަށް ގޮސްފައި ވަނީ އޯލެވެލް އިމްތިޙާނާއި އޭލެވެލް އިމްތިޙާނުންވެސް މުޅި ރާއްޖެއިން ފަޚުރުވެރި 1 ވަނަ ހޯދައިގެންނެވެ. އެހެންވެ ޝައްފާނަށް ލިބިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕްގެ ފުރުޞަތެވެ. އެ ފުރުޞަތުގެ ބޭނުން ހިފައި މިއަދު ޝައްފާން އެ ހޯދީ ފަޚުރުވެރި މަގާމެކެވެ. ދިވެހިރާއްޖޭގެ ތާރީޚާއި އޮކްސްފޯޑް ޔުނިވާސިޓީ ވަރަށް ބޮޑަށް ގުޅުވާލަދީފިއެވެ.
ޕީއެޗްޑީގެ ހަތަރު އަހަރުގެ ކިޔެވުމަށްފަހު ޝައްފާންގެ މިހާރު އެވަނީ ގުރެޖުއޭޓުވެފައެވެ. ޝައްފާން ތީސިސް ހެދީ ކޮޕީރައިޓް ޤާނޫނުގައި ހިމެނޭ ޖިނާއީ ފިޔަވަޅު ތަކުގެ ޤާނޫނީ އަސާސްގެ މައްޗަށެވެ. ޒުވާން ވަކީލެކެވެ.
އޮކްސްފޯޑް ޔުނިވާސިޓީ އިން ޕީއެޗްޑީ ހާސިލް ކުރުމުގެ ފުރުޞަތު ޝައްފާން ހޯދީވެސް ދުނިޔޭގެ އެންމެމޮޅު 319 ދަރިވަރުންނާ ވާދަކޮށްގެންނެވެ.
ޝައްފާނަކީ ސްކޫލް ދައުރުގައި މޮޅު ދަރިވަރެކެވެ. ކާމިޔާބީތައް ހޯދަމުން އައި ދަރިވަރެކެވެ. ސްކޫލް ދައުރަށްފަހު ޑިގްރީ ޙާސިލްކުރީ ލަންޑަނުގެ ކިންގްސް ކޮލެޖުންނެވެ. އޭނާއަކީ މިހާރުވެސް ޤާނޫނީ މަސައްކަތުގެ ތެރޭގައި އަމަލީ ގޮތުން ހަރަކާތްތެރި ވަމުން އަންނަ ޒުވާނެކެވެ. އެގޮތުން އިނގިރޭސިވިލާތުގައި ކިޔަވަމުން ދިޔައިރުވެސް ޝައްފާންގެ އަމިއްލަ ލޯފާމެއް ރާއްޖޭގައި ހިންގަމުން ދިޔައެވެ. ޝައްފާނަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ފިރާގުގެ ދަރިކަލެކެވެ.