މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭތީ، މީޑިޔާ ބިލު ބޭރު ކުރުމަށް ނޫސްވެރިން ގޮވާލަމުން ދަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އެ ބިލު މިއަދު ފާސްކޮށްފިއެވެ.
ނޫސްވެރިންނާއި މީޑިޔާތަކުން ބިލާބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އިހުތިޖާޖު ކުރަމުން ދަނިކޮށް ކޮމިޓީން މި ބިލު މިއަދު ފާސްކުރީ ބަޔެއް އިސްލާޙުތަކާވެސް އެކުގައެވެ.
ސަރުކާރުގެ ތާއީދާއެކު، އަމިއްލަ މެމްބަރެއް ކަމުގައި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި މި ބިލު ހުށަހެޅުމާއެކުވެސް ނޫސްވެރިން ގޮވާލަމުން ދިޔައީ އެ ބިލު ބޭރު ކޮށްލާށެވެ. ނަމަވެސް މަޖިލީހުން އެ ބިލު ބަލައިގަނެ ކޮމިޓީގައި ބިލު ދިރާސާ ކުރަން ފެށިއެވެ. ކޮމިޓީ މަރުޙަލާގައި ގިނަ އަދަދެއްގެ މީޑިޔާ ތަކުން ވަނީ އެބިލު ބަލައިނުގަންނަ ކަމަށް ބުނެފައެވެ. ޖުމްލަކޮށް ހުރިހާ މީޑިއާއަކުންވެސް އެ ބައްދަލުވުމުގައި ވާހަކަ ދެއްކީ ބިލާ ދެކޮޅަށެވެ. މި ބިލުގެ މައްސަލައިގައި ނޫސްވެރިން އެ ކޮމިޓީއަށް ޕެޓިޝަނެއްވެސް ހުށަހެޅިއެވެ.
ނަމަވެސް މިއަދު އޮތް ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީން ވަނީ ބިލު ފާސްކޮށްފައެވެ. ބިލު ފާސްކުރަން ބޭއްވި ބައްދަލުވުގައި ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކެއްވެސް ހިމެނިއެވެ. އަދި އެނޫން އިސްލާހުތަކެއްވެސް ބިލުގައި ހިމަނާފައިވެއެވެ. ބިލު ފާސްކުރި ބައްދަލުވުން ހޫނުވެ، ނޫސްވެރިންވެސް ވަނީ މަޖިލީހުގައި އިހުތިޖާޖު ކޮށްފައެވެ.
އިހުތިޖާޖާއި ގުޅިގެން ކޮމިޓީ ބައްދަލުވުން މެދުކަނޑާލަންވެސް ޖެހުނެވެ. ނަމަވެސް އޭރު ކޮމިޓީގައި މެމްބަރުން އަތް އުފުލައިގެން އޮތީ ފާސްކުރަން ވޯޓުދީ ނިންމާފައެވެ. ކޮމިޓީގެ މުގައްރިރު ވިދާޅުވީ ބިލު ފާސްކުރަން ނުފެންނަ މެމްބަރަކު ނެތް ކަމަށެވެ. އިއްތިފާގުން ފާސްވީ ކަމަށެވެ. ނަމަވެސް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީީގެ މެމްބަރުން ދިޔައީ ބިލާ ދެކޮޅަށް އަޑުގަދަ ކުރައްވަމުންނެވެ.