އަލީ ޝާނީޒްގެ ސެޓާން ސްޓޫޑިއޯ އާއި ޑައިރެކްޓަރު ހުސައިން މުނައްވަރު (ކިޑް) ގެ ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ދިވެހި ފިލްމް "ކަނބުލޮ" އަށް ރާއްޖޭގެ ކުރީގެ ފިލްމީ ތަރި ރީކޯ މޫސާ މަނިކު ވަރަށް ބޮޑަށް ތައުރީފު ކޮށްފިއެވެ.
"ކަނބުލޮ" އާއި ބެހޭގޮތުން ރީކޯ މޫސާ މަނިކު ބުނެފައި ވަނީ، އެ ފިލްމަކީ ހަގީގީ ހާދިސާ ތަކެއްގެ މައްޗަށް ކުޅެފައިވާ ވަރަށް އަސަރުގަދަ މޮޅު ފިލްމެއް ކަމަށެވެ.
"ދިވެހި ފިލްމު "ކަނބުލޮ" އަކީ ވަަރަށް ހުނަރުވެރި އެކްޓަރުނާއިއެކު ކެމެރާގެ ފަހަތުގައި މަސައްކަތް ކުރި ވަރުގަދަ ޓީމަކާއެކީ ޑައިރެކްޓަރ ހުސެން މުނައްވަރު އުފެއްދި ރީތި ފިލްމެކެވެ. ސްކްރީނުން ފެނިގެންދިއައީ ރާއްޖޭގައި ހިނގާ އަނިޔާވެރި، ލާއިންސާނީ ޙަޤީގީ ޙާދިސާ ތަކެއްގެ އަސްލުމަންޒަރު ތަކެއް ތަސަވަރު ކުރެވޭ ގޮތަށް ކުޅެފައިވާ އަސަރުގަދަ މޮޅުފިލްމެކެވެ." ފިލްމާމެދު މޫސަ ބުނެފައިވެއެވެ.
"ކަނބުލޮ" ފިލްމަކީ 2009 ވަނަ އަހަރުގެ ދިގު ވާހަކަ މުބާރާތުން ޔަޝްފާ އަބްދުލްޢަނީ 1 ވަނަ ހޯދި "ޔުކްތާ" ވާހަކައަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ފިލްމްގެ ސްކްރީންް ޕްލޭ ލިޔެފައި ވަނީ ދިވެހި ފިލްމް "ކަމަނާ" ގެ ވެސް ސްކްރީން ރައިޓަރު މަހުދީ އަހުމަދެވެ. މި ފިލްމުން ދައްކުވައިދެނީ އާއިލާގެ ތެރެއިން ޖިންސީ ގޯނާގެ ޝިކާރަކައަށްވާ އަންހެނެއްގެ ވާހަކައެވެ.
ފިލްމުގެ ލީޑު ތަރިންގެ ތެރޭގައި ހިމެނެނީ މަރިިޔަމް އައްޒަ އާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި ވާޝިޔާ މުހައްމަދާއި އަހުމަދު އީސަ (އާނަންދު) އާއި ޝީލާ ނަޖީބާއި އަހުމަދު ނިމާލުގެ އިތުރުން މަރިޔަމް ޝަކީލާ އެވެ.