ދިވެހިރާއްޖެ ހަމަމަގަށް އެޅުވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން އެމް.ޑީ.ޕީ ނިކުންނާނެ ކަމަށާއި، އެކަމުގައި ވަކި ކުލަޔަކަށް ބެލުމެއް ނެތި އެންމެން ނިކުތުމަށް އެޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ރޭ އެމް.ޑީ.ޕީ ހަރުގޭގައި ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ޑރ. މުޢިއްޒުގެ ސަރުކާރުން މުޅި ރާއްޖެ ލޫޓުވައިފި ކަމަށާއި، އެކަމާއި ދެކޮޅަށް ނިކުންނަންޖެހޭ ކަމަށެވެ. 'ލޫޓުވާލައިފި' މިނަމުގައި އެމްޑީޕީއިން އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ހަރަކާތެއް ބާއްވާނެކަން ވަނީ އިއުލާނުކޮށްފައެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ރައްޔިތުންގެ އުއްމީދާއި، ދައުލަތުގެ ޚަޒާނާއާއި މުޅި ދައުލަތް ސަރުކާރުން ލޫޓުވާލައިފި ކަމަށެވެ. އަދި ރައްޔިތުންގެ އަޑު އިއްވަން މަޖިލީހަށް ހޮވި ރައްޔިތުންގެ މަންދޫބުންގެ އަޑުވެސް ސަރުކާރުން ފޭރިގެންފި ކަމަށް ޝާހިދު ސިފަ ކުރެއްވިއެވެ.
ހަމައެއާއެކު އަދުލު އިންސާފުގެ ނިޒާމުގެ މައްޗަށް ރައްޔިތުންގެ އޮތް އިތުބާރާއި ޔަޤީންކަންވެސް ސަރުކާރުން ލޫޓުވާލައިފި ކަމަށެވެ. އަދި މިހާރު މަޖިލީހުގައި އޮތް މީޑިއާ ރެގިއުލޭޝަން ބިލަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ މިހާރު ސަރުކާރުން މަސައްކަތް ކުރަނީ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރު ކަމަށްވާ މީޑިއާގެ މިނިވަންކަން ލޫޓުވާލަން ކަމަށެވެ.
ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ޕާޓީގެ ރައީސްގެ އިތުރުން ޕާޓީގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހްއާއި، ޕާޓީގެ ޗެއަރޕަރސަން އޛ ފައްޔާޒް އިސްމާއިލް އަދި ޤައުމީ މަޖިލީހުގެ ގިނަ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.