ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، މިހާރު މިއޮތް ސަރުކާރުގެ އެއްވެސް މަގާމެއްގައި ނެތް ނަމަވެސް، ބައިނަލްއަގުވާމީ މަންސަތަކުގައި އެމަނިކުފާނު އަދިވެސް ފެންނަނީ "ފޮރިން މިނިސްޓަރެއް" ފަދައިންނެވެ. ދުނިޔޭގެ އެކި ކަންކޮޅު ތަކުގެ ލީޑަރުންނާއި، ޚާރިޖީ ދާއިރާގެ އިސް ބޭފުޅުންނާއެކު އެމަނިކުފާނު މިހާރުވެސް ބައްދަލު ކުރައްވައި، ރާއްޖެއަށް މުހިންމު ކަންކަމުގައި މަޝްވަރާ ދެއްވަމުން ގެންދަވައެވެ. މިއީ އެމަނިކުފާނުގެ ފުޅާ ތަޖުރިބާ އާއި ބައިނަލްއަގުވާމީ ވަރުގަދަ ގުޅުންތަކުގެ ހެކިކަމުގައި ގިނަ ބަޔަކު ދެކެއެވެ.
ޝާހިދަކީ ރާއްޖެ އާއި ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ސިޔާސީ ވެރިއެއްގެ އިތުރުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ތަޖުރިބާކާރު ޑިޕްލޮމެޓެކެވެ. ޚާރިޖީ ދާއިރާއިން ދިގު އަދި ކާމިޔާބު ތާރީޚެއް އޮތް ޝާހިދު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައިވެސް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ. ދާޚިލީ ތަޖުރިބާވެސް އެހާމެ ބޮޑެވެ.
ޚާރިޖީ މައިދާނުގައި މި ސަރުކާރުގެ ވެރިންނަށްވުރެ ޝާހިދު މާގަދަކޮށް، ސަބަބަކީ ކޮބާ؟
ޝާހިދަކީ ޚާރިޖީ ދާއިރާގެ ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރެކެވެ. މިވަގުތު ފޮރިން މިނިސްޓަރުގެ މަގާމުގައި ނެތް ނަމަވެސް، ޝާހިދަކީ ދުނިޔޭގެ ހުރިހާ ލީޑަރުންނަށްވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ފަރިތަ ބޭފުޅެކެވެ. ދުނިޔޭގެ ގައުމުތަކުގެ ވެރިންނާއި ވަޒީރުންނާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުގެ ވެރިންނާ ބަދަހި ގުޅުންތަކެއް އޮތް ބޭފުޅެކެވެ. އެއީ އޯވަނައިޓަކުން އެމަނިކުފާނު އުފެއްދެވި ގުޅުންތަކެއް ނޫނެވެ. 42 އަހަރުގެ ތަޖުރިބާއާއެކު އެ ގުޅުންތައް ގާތް ރަޙްމަތެރިކަމާ ހަމައަށްވެސް ގޮސްފައިވާ ޒަމާންވީ ގުޅުންތަކެކެވެ.
ޚާރިޖީ ދާއިރާއަށް ޖޫނިއަރ މުވައްޒަފެއްގެ ގޮތުގައި ނުކުމެވަޑައިގެން، ފޮރިން މިނިސްޓްރީގައި ގިނަ މަސައްކަތްތަކެއް ކުރެއްވުމަށްފަހު، އެމަނިކުފާނު ވަނީ އެ ވުޒާރާގެ ވަޒީރުކަންވެސް ދެފަހަރު ކުރައްވާފައެވެ. އެއަށްފަހު ދުނިޔޭގެ ރިޔާސަތު ބެލެހެއްޓެވުމާއި ހަމައަށްވެސް ވަނީ ވަޑައިގެންފައެވެ. އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ހޯއްދަވައިގެންނެވެ. އެއާއެކު މިވަގުތު އެމަނިކުފާނަކީ ހަމައެކަނި ގައުމީ ފެންވަރުގެ ލީޑަރެއްނޫނެވެ. ދުނިޔޭގެ ފެންވަރުގައިވެސް އިޙްތިރާމް ހޯއްދަވާފައިވާ ލީޑަރެކެވެ. ދުނިޔޭގެ ކޮންމެ ގައުމެއްގެ ވެރިއެއްގެ އަރިހުގައިވެސް ބަސްވިކޭ ބޭފުޅެކެވެ.
ޝާހިދަކީ މިވަގުތު ދިވެހިރާއްޖޭގައި ހުންނެވި ޚާރިޖީ ރޮނގުން އެންމެ ތަޖުރިބާކާރު، އެންމެ ވަރުގަދަ ޑިޕްލޮމެޓެވެ. ދިވެހި ޚާރިޖިއްޔާގެ ތާރީޚު ބަދަލުކޮށްލެއްވި ބޭފުޅެކެވެ. މިއީ އެންމެންވެސް މިއަދު ގަބޫލުކުރާ ކަމެކެވެ. ސިޔާސީ ލީޑަރުންވެސް މިކަން ގަބޫލު ކުރައްވައެވެ. ޚާރިޖީ ދާއިރާގެ ފުންނާބު އުސް ތަޖުރިބާކާރުންވެސް މިކަމާ ދެބަހެއް ނުވެއެވެ.
ޚާރިޖީ ދާއިރާގައި ސާޅިހަށްވުރެ ގިނަ އަހަރު އުޅުއްވާފައިވާ ތަޖުރިބާކާރެއް ކަމަށްވާ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޚަލީލް ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ވަނީ ވަރަށްގިނަ ވަޒީރުންނާއެކު މަސައްކަތް ކުރެއްވިފައެވެ. އޭގެތެރޭގައި ފަތުހުﷲ ޖަމީލްވެސް ހިމެނެއެވެ. ނަމަވެސް ޚަލީލަށް ޝާހިދު މުޅިން ތަފާތެވެ.
"ވަރަށްގިނަ ވަޒީރުންގެ އަރިހުގައި މަސައްކަތް ކުރެވިއްޖެ. އަޅުގަނޑު ދުވަހަކުވެސް ނުދެކެން ޝާހިދު ވަރުގެ ޚާރިޖީ ވަޒީރެއް. އެއީ ހަމަ ވަރަށް ތަފާތު ވަޒީރެއް. ވަރަށް މޮޅު ބޭފުޅެއް. ހިންގުމުގެ މަސައްކަތަށް ބަލާއިރުވެސް އަދަޔާ ޚިލާފު ހުޝިޔާރު ބޭފުޅެއް. އަޅުގަނޑު ނުދަންނަވާނަން ޚާރިޖީ ދާއިރާގައި ޝާހިދު ވަރުގެ އެހެން ބޭފުޅަކު އުފެދިފައިވެއެކޭ. ނެތް އެވަރުގެ އެހެން ބޭފުޅަކު އުފެދިފައެއް" ދެތިން ޖުމްލައިން ކުރުކޮށް ޝާހިދު ސިފަ ކުރައްވައި ޚަލީލް ވިދާޅުވިއެވެ.
ޝާހިދުގެ ޚާރިޖީ ގުޅުމުގެ ވަރުގަދަކަން ސިފަ ކުރައްވައި ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހު ވިދާޅުވެފައި ވަނީ، ޝާހިދަކީ ޚާރިޖީ، އަދި ދާޚިލީ ރޮނގުންނާއި އެނޫންވެސް ތަފާތު ރޮނގުތަކުން ތަޖުރިބާ ހޯއްދަވާފައިވާ ވަރުގަދަ މުފައްރިކެއް ކަމަށެވެ. އެމަނިކުފާނުގެ ރައީސް ކަމުގައި ތަފާތު އެތައް ރަސްމިއްޔާތެއްގައި ޝާހިދުގެ ޚާރިޖީ މަސައްކަތުގެ ފުރިހަމަ ކަމަށް ތައުރީފު ކުރައްވާފައިވެއެވެ. އޭގެތެރޭގައި ރިޔާސީ ބަޔާން ތަކުގައިވެސް ވަރަށް ފުޅާކޮށް އެވާހަކަ ގެނެސް ދެއްވިއެވެ.
ހަމަ މިފަދައިން ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ޚާރިޖީ ގޮތުން ޝާހިދު ސިފަ ކުރައްވައި ވިދާޅުވެފައި ވަނީ އެއީ ހުރިހާ ގައުމު ތަކެއްގެ ވެރިންނާ ފަސޭހައިން ވާހަކަފުޅު ދެކެވޭ ބޭފުޅެއްގެ ގޮތުގައެވެ.
"ވާހަކަ ނުދައްކަވާ ގައުމެއް، އެބޭފުޅާއަށް ވަޑައިނުގެންނެވޭ ފޮރިން އޮފީހެއް، އަދި ޕްރައިމިނިސްޓަރެއް، ރައީސެއްގެ ގެއެއް، އޮފީހެއް ނެތް. އެއީ ދިވެހިން ފަޚުރުވެރިވާ ކަމެއް" ޝާހިދަށް ނިސްބަތް ކުރައްވައި ނަޝީދު ވިދާޅުވެފައިވެއެވެ.
އެއާއެކު ދެން ނަޝީދު ވިދާޅުވީ، ޝާހިދަކީ ހުރިހާ ގައުމަކާއެކުވެސް މަޝްވަރާ ކުރެވޭ، ވާހަކަދެކެވޭ ބޭފުޅެއް ކަމަށެވެ. އަދި ވަރަށް ސާފުކޮށް ނަޝީދު ވިދާޅުވީ، އަބްދުﷲ ޝާހިދަކީ މިވަގުތު ދިވެހިރާއްޖޭގައި ޚާރިޖީ ދާއިރާއިން ފެންނަން ހުރި އެންމެ ކުޅަދާނަ ފަރާތް ކަމަށެވެ. އެފަދަ ދެވަނަ ބޭފުޅަކު އެ ރޮނގުން ރާއްޖޭގައި ނެތް ކަމަށެވެ.
"އަޅުގަނޑުމެންގެ ޚާރިޖީ ވަޒީރެއްގެ ގޮތުގައި، ހަމަ ޝައްކެއް ނެތް ގޮތުގައި އެ ހުންނެވީ މި ދިވެހިރާއްޖޭގައި މިއަދު އެކަމަށް ހުރި އެންމެ ތަޖުރިބާކާރު، އެންމެ ކުޅަދާނަ ބޭފުޅާ." ނަޝީދު ވިދާޅުވިއެވެ.
މިއީ ހަމައެކަނި ކުރީގެ ދެ ރައީސަކު، ޝާހިދާމެދު ވިދާޅުވި ވާހަކަފުޅެވެ. މި ނޫނަސް ޖުމްލަކޮށް އެ ވާހަކަ އެގޮތަށް ގަބޫލުނުކުރާ ދިވެއްސަކު މިހާރަކު ނުހުންނާނެއެވެ. ޝާހިދަކީ ޚާރިޖީ މައިދާނުގައި އެވަރުގެ ލީޑަރަކަށް ވެގެން ދިޔުމަކީ ދިވެހިން ފަޚުރުވެރިވާނެ ކަމެކެވެ. އަދި އޭގެ ފައިދާ ގައުމަށް އަބަދުވެސް ލިބޭނެ ކަމެކެވެ. އޭގެ ހެއްކަކީ އެމަނިކުފާނުގެ ޚާރިޖީ ވަޒީރު ކަމުގައި ދުނިޔެއިން ރާއްޖެ ދުށްގޮތާއި ވަމުންދިޔަ އެހީތަކެވެ. އެކަމުގައި ހުރި ފަސޭހަ ކަމެވެ.
ޝާހިދުގެ ޚާރިޖީ ގުޅުންތަކުގެ ވަރުގަދަ ކަމަށް ބަލާއިރު، މިއަދު ފެނިގެން މިދަނީ މުޅި ސަރުކާރަށްވުރެވެސް ޚާރިޖީ ގުޅުންތަކުގައި އެމަނިކުފާނު މާގަދަކޮށް ފެންނާތީއެވެ. ދުނިޔޭގެ ފެންވަރުގެ ބައްދަލުވުންތަކުގައި އެމަނިކުފާނުގެ އަޑު އިވެމުންދާތަނެވެ. ގައުމުތަކުގެ ރައީސުންނާއި ބޮޑުވަޒީރުންނާއި ފޮރިން މިނިސްޓަރުންނާއި އެނޫންވެސް ޑިޕްލޮމެޓުންނާއެކު ތަފާތު ބައްދަލުވުންތަކުގައި އެމަނިކުފާނު ފެންނަމުން އެބަދެއެވެ. ބަޔެއް ފަހަރު ސަރުކާރުގެ ވެރިންނަށްވެސް ލިބިވަޑައިނުގަންނަވާ ފުރުޞަތުތައް އެމަނިކުފާނު ދުނިޔެއިން ހޯއްދަވަމުންދާތީ އެބަފެނެއެވެ.
އެހެންކަމުން ރިޕޯޓު ފަށަމުން ކުރި ސުވާލުގެ ޖަވާބު މިހިސާބުން ލިބިގެން އެބަ ދެއެވެ. ސަރުކާރުގެ ވެރިންނަށްވުރެވެސް ޚާރިޖީ ގުޅުންތަކުގައި ޝާހިދު މާގަދަކޮށް ފެނިގެންދާ ސަބަބީ، އެމަނިކުފާނުގެ ދިގު ޚާރިޖީ ތާރީޚާއި ޒަމާންވީ ޚާރިޖީ ގުޅުންތަކާއި، ލިބިވަޑައިގެން ހުންނެވި ތަޖުރިބާއެވެ. ހޯއްދަވާފައިވާ އިޙްތިރާމާއި، ފަނޑުކަމެއް ނައިސް ބަދަހި ކުރައްވަމުން ގެންދެވި ގުޅުންތަކެވެ. އަބަދުވެސް ގެންގުޅުއްވި ޑިޕްލޮމަސީގެ ރީތި އުސޫލުތަކެވެ.
އެހެންވެ މި ސަރުކާރު އައިފަހުންވެސް ބަޔެއް މަންޒަރު ތަކުގައި ސަރުކާރުގެ ވެރިންނަށްވުރެ ޝާހިދު ކުރީގައި އުޅުއްވާތީ އެބަފެނެއެވެ. ދެތިން މިސާލެއް ނަގަމާތޯއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ފަހަރަކު ބައްދަލު ކުރެއްވި ހަމައެކަނި ސިޔާސީ ލީޑަރަކީ ޝާހިދެވެ. ސަރުކާރުގެ ވެރިންނާ ބައްދަލު ކުރެއްވީ ރަސްމީ ބައްދަލުވުންތަކުގެ ތެރެއިންނެވެ. މި ސަރުކާރު އައިފަހުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި، ޗައިނާގެ ރައީސް ޝީ ޖިން ޕިންއާވެސް އެތައް ފަހަރެއްގެ މަތިން ޝާހިދު ބައްދަލު ކުރައްވާފައިވެއެވެ.
ޔޫރަޕުގެ އެކިއެކި ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި އިސް ލީޑަރުންނާއި، ޔޫރަޕިއަން ޔޫނިއަން އާއި އދ.ގެ އިސް ބޭފުޅުންނާ ޝާހިދު ބައްދަލު ކުރައްވައި، އެފަރާތް ތަކަށް ލަފާ ދެއްވާފައިވެއެވެ. އަދި ޚާރިޖީ ދާއިރާގެ އެކިއެކި ފޯރަމް ތަކުގައި ބައިވެރިވެ، ޒުވާނުންނަށް އަގުހުރި ނަސޭހަތްތައް މިހާރުވެސް އެ ގެންދަވަނީ ދެއްވަމުންނެވެ. މިގޮތުން، ދާދިފަހުންވެސް ހަންގޭރީގައި ބޭއްވުނު ފޯރަމެއްގައިވެސް ޝާހިދު ބައިވެރިވެވަޑައިގެންފައިވެއެވެ.
ޝާހިދަށް ލިބިވަޑައިގަތް މިފަދަ ގިނަ ފުރުސަތުތަކަކީ މިހާރުގެ ސަރުކާރުގެ ވެރިންނަށް ނުލިބޭ ފުރުސަތު ތަކެކެވެ. މިއީ ޚާރިޖީ ދާއިރާގައި ޝާހިދުގެ މޮޅު ތަޖުރިބާ އާއި ބައިނަލްއަގުވާމީ މުޖުތަމަޢުގައި އެމަނިކުފާނަށް އޮތް ގަދަރާއި އިޙްތިރާމުގެ ހެކިކަމުގައި ގިނަ ބަޔަކު ދެކެއެވެ.
ޝާހިދަކީ ޚާރިޖީ ދާއިރާގެ ވަރުގަދަ ތަޖުރިބާކާރެއްކަން ދެން އެންމެ ރަނގަޅަށް ފެނިގެން ދިޔައީ ރާއްޖެ، އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބުވުމާ އެކުގައެވެ. ދުނިޔޭގެ ގައުމު ތަކުން ރާއްޖެއަށް އިތުބާރުކޮށް، ރާއްޖެ އެ މަގާމަށް އިންތިޚާބު ކުރީ، ޝާހިދު ޚާރިޖީ ދާއިރާގެ ތަޖުރިބާގެ މޮޅުކަމުންނެވެ. އެކަމާމެދު ދެބަސްވެވޭކަށް ނެތެވެ. ކުޑަކުޑަ މިރާއްޖެ ދުނިޔޭގެ އެހާ މުހިންމު އަދި ބައިނަލްއަގުވާމީ ގޮތުން ބާރާއި ނުފޫޒު ގަދަ މަގާމަކަށް އިންތިހާބު ވެދާނެކަމަށް އެއްވެސް މީހެއް ގަބޫލެއް ނުކުރާނެއެވެ. ނަމަވެސް އެކަން ހަގީގަތަކަށްވެ ރާއްޖެއަށް ފަޚުރުވެރި ނަމެއް ލިބިގެން ދިޔައީ ޝާހިދު ހުނަރުން ފުރިގެންވާ ޑިޕްލޮމެސީގެ އުސޫލު ތަކުގެ ސަބަބުންނެވެ.
އދ.ގެ ލީޑާޝިޕް ރާއްޖެއިން އަދާކޮށްފައިވާއިރު، އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ފުރަތަމަ ދިވެއްސަކީ ޝާހިދެވެ. އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ޝާހިދު އިންތިޚާބު ވެވަޑައިގެންފައި ވަނީ 2021 ޖޫން 7 ގައެވެ. މިއީ 1 އަހަރު ދުވަހުގެ މަގާމެކެވެ.
ޝާހިދުގެ ދައުރު އދ. ގައި ހަމަވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއީ ރާއްޖެއިން އދ.ގެ އެންމެ މަތީ މަގާމު ހޯދައި، ދުނިޔޭގެ ރިޔާސަތު ބެލެހެއްޓި ފުރަތަމަ ފަހަރެވެ. އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ޝާހިދު ވަނީ ކޮވިޑް-19ގެ ވެކްސިން ދުނިޔޭގެ ހުރިހާ ހިސާބު ތަކެއްގައި ދިިރިއުޅޭ މީހުންނަށް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތެއް ކުރައްވާފައެވެ. ދުނިޔެއިން ވަނީ ޝާހިދުގެ ލީޑާޝިޕް ބަލައިގެންފައެވެ.
ދުނިޔޭގެ ލީޑަރުންނާ އެއް މަންސަތަކެއްގައި މަޝްވަރާކޮށް، ޚިޔާލު ބަދަލު ކުރުމުގެ ދައުވަތު ޝާހިދަށް ލިބެމުން ދިޔުމުން ސާފުވަނީ އެކަމެވެ. ޔޫރަޕުގެ އަދި އެހެނިހެން ގައުމު ތަކުގެ ސަރުކާރު ތަކުގެ ވެރިން ރާއްޖޭގެ ކަންކަމުގައި ޝާހިދާއި މަޝްވަރާ ކުރައްވަނީ އެކަންކަމަށް ހައްލު ހޯދައިދެވޭނެ ގާބިލުކަން ޝާހިދުގެ ކިބައިގައި ހުރުމުންނެވެ. ޔޫރަޕުގެ ގައުމުތަކުގެ ލީޑަރުރުން ޝާހިދު އާއި ބައްދަލު ކުރައްވައި ދުނިޔޭގެ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ލަފަޔަށް އެދެނީ ސަބަބުތަކެއް ހުރީމައެވެ.
މި ސަރުކާރުގެ ފޮރިން މިނިސްޓަރަށްވެސް އެފަދަ ބަޔެއް ބައްދަލުވުން ތަކަށް ވަޑައިގަތުމުގެ ފުރުސަތު ނުލިބި، ޝާހިދަށް އެ ފުރުސަތު ލިބިގެން ދަނީ އެމަނިކުފާނަކީ ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ޚާރިޖީ ދާއިރާގެ ތަޖުރިބާކާރަކަށް ވުމުންނެވެ.
2018 ވަނަ އަހަރު ދެވަނަ ފަހަރަށް ހާރިޖީ ވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން، ޝާހިދު ވަނީ ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެއަށް އޮތް އިތުބާރު އަލުން އިއާދަކުރައްވާފައެވެ. މިގޮތުން ކުރިން ގުޅުން ދެރަވެފައިވާ ގައުމުތަކާއި ގުޅުން އާ ކުރައްވައި، އަލަށް ގުޅުން ގާއިމު ކުރެއްވިއެވެ. ކޮމަންވެލްތަށް ރާއްޖެ އަލުން ގުޅުވުމުގައި އެމަނިކުފާނު މުހިންމު ދައުރެއް އަދާކުރެއްވިއިރު، އެމަނިކުފާނުގެ ލީޑާޝިޕްގެ ދަށުން 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުނެވެ. މިއީ ރާއްޖޭގައި ބޭއްވުނު ފުރަތަމަ ބައިނަލްއަގުވާމީ ގިނަ ކުޅިވަރު މުބާރާތެވެ.
ޑިޕްލޮމެސީގައި މިންތީގެ ހަމަހަމަކަން އަދި ކޮވިޑް-19 އަށް ދެއްވި ސަމާލުކަން
މިންތީގެ ހަމަހަމަކަމަށް ވަކާލާތު ކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން، ޝާހިދު ވަނީ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި ފޮރިން ސާވިސްގައި ފުރަތަމަ ފަހަރަށް މިންތީގެ ހަމަހަމަކަން ގާއިމު ކުރައްވާފައެވެ. ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި، ކުދި ޖަޒީރާ ތަރައްގީ ވަމުންދާ ގައުމުތަކަށް ދިމާވި އިގްތިސޯދީ އަދި އިޖްތިމާއީ ގެއްލުންތައް ފާހަގަ ކުރެއްވި އެންމެ އިސް އަޑު ތަކުގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގެންނެވިއެވެ. އަދި މި ގައުމުތަކަށް ކުރިމަތިވާ ނާޒުކުކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.
އދ. ގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ދުނިޔޭގެ ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދެވުމަށް ކުރެއްވި މަސައްކަތްޕުޅުގެ އަގު ވަޒަންކޮށް، ދުނިޔޭގެ ބަޔެއް ގައުމުތަކުގައި ދެވޭ އެންމެ މަތީ އިއްޒަތުގެ އައްޑަނަ އާއި މެޑަލްވެސް އަރުވާފައިވެއެވެ. އަދި ޚާރިޖީ ދާއިރާއިން އެމަނިކުފާނު ރާއްޖެއަށް ހޯއްދަވައި ދެއްވި ރީތި ނަމާއި ޝަރަފުގެ އަގު ވަޒަންކޮށް ދިވެހި ދައުލަތުން ދޭ އެންމެ މަތީ އިއްޒަތްވެސް އަރުވާފައިވެއެވެ.
ޝާހިދުގެ ޚާރިޖީ ކެރިއަރުގެ ފެށުން:
ހާރިޖީ ދާއިރާގައި މަސައްކަތްޕުޅު ފެއްޓެވީ 1983 ވަނަ އަހަރު ފޮރިން ސާވިސް އޮފިސަރެއްގެ ގޮތުގައެވެ. އަދި އަވަސް ދުވެލީގައި މަތީ މަގާމުތަކަށް ކުރިއަރައިވަޑައިގެންނެވިއެވެ. 1993 ގައި ޑިރެކްޓާ އޮފް އިންޓަނޭޝަނަލް އެފެއާޒްގެ މަގާމަށް ކުރިއެރުން ލިބި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަލްޓިލެޓަރަލް ޑިޕާޓްމަންޓް އިސްކޮށް ބެލެހެއްޓެވިއެވެ. މި ދުވަސްވަރު 1987 އިން 1994 އަށް އދ ގެ ހުރިހާ ޖެނެރަލް އެސެމްބްލީ ސެޝަންތަކުގައި ބައިވެރިވެ، ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްސަލަތައް އދ. އަށް ހުށަހެޅުއްވިއެވެ. މީގެއިތުރުން 1992 ގެ އާތް ސަމިޓްގެ މަޝްވަރާކާރެއްގެ ގޮތުގައި މަސައްކަތް ކުރައްވައި، 1993 ގެ ވޯލްޑް ކޮންފަރެންސް އޮން ހިއުމަން ރައިޓްސްގައި ބައިވެރިވެވަޑައިގަތެވެ.
އިންޓަނޭޝަނަލް އޯގަނައިޒޭޝަންސް ޑިޕާޓްމަންޓްގެ އިސްވެރިޔާގެ ހައިސިއްޔަތުން، ކޮމަންވެލްތު، އިސްލާމިކް ކޯޕަރޭޝަން އަދި ނޮން-އެލައިންޑް މޫވްމަންޓް ފަދަ ޖަމްއިއްޔާތަކުގެ ބައްދަލުވުން ތަކުގައި ރާއްޖެ ތަމްސީލު ކުރެއްވިއެވެ. ޔުގަންޑާގައި ބޭއްވުނު ވިހި ވަނަ ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓް މީޓިންގްއާއި ސެނެގަލްގައި ބޭއްވުނު ހަވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ވަފުދު އިސްކޮށް ބަލަހައްޓަވާފައިވެއެވެ.
1995 ގައި، ރައީސް އޮފީހުގެ އެގްޒެކެޓިވް ސެކްރެޓަރީ (ޗީފް އޮފް ސްޓާފް) ގެ މަގާމަށް އައްޔަން ކުރެވުނުއިރު، މި މަގާމުގައި 10 އަހަރަށްވުރެ ގިނަ ދުވަހު ހުންނެވިއެވެ. 2005 ގައި، މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަގާމަށް އައްޔަން ކުރެވި، 2007 ގައި ފުރަތަމަ ފަހަރަށް މިނިސްޓަރ ފޯ ފޮރިން އެފެއާޒްގެ މަގާމަށް އައްޔަން ކުރެވުނެވެ.
ޝާހިދުގެ މިނިސްޓަރު ކަމުގެ ފުރަތަމަ ދައުރުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިންސާނީ ހައްގުތަކުގެ މައްޗަށް ބިނާކޮށްފައިވާ އުސޫލެއް ގެންގުޅުމަށް ވަކާލާތު ކުރައްވާފައެވެ. އެގޮތުން، އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ރިޒޮލިއުޝަން 7/23 ގެ ދަށުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނީ ހައްގަށް ކުރާ އަސަރުތައް ފާހަގަކޮށް، އދ.ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސްގެ އޮފީހަށް ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ.
އެމަނިކުފާނު ދެވަނަ ފަހަރަށް ޚާރިޖީ ވަޒީރުކަން ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 5 އަހަރުއެވެ. އެއީ 2018 ން 2023 އަށެވެ.