ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ސާފުކޮށް ވިދާޅުވީ އަތޮޅު ކައުންސިލް ތަކަކީ ބޭނުމެއް ކައުންސިލްތަކެއް ކަމަށެވެ. އަތޮޅު ކައުންސިލްތައް އުވާލައްވާނެ ކަމަށެވެ. މިއީ ރައީސް މުއިއްޒުގެ ސަރުކާރުގެ ސީދާ ވިސްނުން ހުރިގޮތެވެ. އަތޮޅު ކައުންސިލް ކުޑަ ކުރުމެއްނޫނެވެ. ހަމަ ސީދާ އުވާލުމަށެވެ.
ރަށު ކައުންސިލްތައް ކުޑަކުރުމުގެ ވިސްނުން ހުރި ނަމަވެސް މި ސަރުކާރުގެ މުޅި ވިސްނުން އޮތީ އަތޮޅު ކައުންސިލްތައް ލާމަރުކަޒީ ނިޒާމުން މުޅިން ފުހެލުމެވެ. ލާމަރުކަޒީ ނިޒާމަށް ގެންނަ އިސްލާހަކުންނެވެ. ނަމަވެސް މިކަމުގައި ސަރުކާރާ ވިސްނުން ތަފާތު ފަރާތްތަކުގެ ވިސްނުން މުޅިން ތަފާތެވެ. އެބޭފުޅުން ގަބޫލު ކުރައްވާ ގޮތުން އަތޮޅު ކައުންސިލްތައް އުވާލުމަކީ ނުބައި ނިންމުމެކެވެ. އަތޮޅު ކައުންސިލްތައް މުހިންމެވެ.
އަތޮޅު ކައުންސިލްތައް އުވާލާނެކަން ޔަގީނާގާތެވެ. މަޖިލީހުގައި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އެބައޮތެވެ. އެހެންވެ ސަރުކާރުން ބޭނުންވާ ގޮތަށް އަތޮޅު ކައުންސިލްތައް މުޅި ނިޒާމުން ފުހެވޭނެއެވެ.
މި ހިސާބުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި މަޖިލީހުގެ މެމްބަރުކަންވެސް އެއް ދައުރަށްވުރެ ގިނައިން ކުރައްވާފައިވާ ރީކޯ މޫސާ މަނިކު މި އުފައްދަނީ އަދި މުޅިން ތަފާތު ސުވާލެކެވެ. މޫސަގެ ސުވާލަކީ އަތޮޅު ކައުންސިލްތައް އުވާލާނެތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލުމުން ވާނީ ފައިދާތޯ ނުވަތަ ގެއްލުންތޯއެއްވެސް ނޫނެވެ. މޫސަ ނަންގަވާ ޕޮއިންޓަކީ ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހަކާއެކު އަތޮޅު ކައުންސިލްތައް އުވާލުމުން ދެން ނުކުމެދާނެ ގާނޫނީ މައްސަލައެއްގެ ވާހަކައެވެ. އެ ހިސާބުން އިދާރީ ދާއިރާތަކަށް ގާނޫނުގެ ތެރެއިން ދެން ވެގެން ހިނގައިދާނެ ގޮތެއްގެ ސުވާލެވެ.
މި ވާހަކަ މޫސަ ފައްޓަވަނީ ގާނޫނު އަސާސީގެ 8 ވަނަ ބާބާއި ހަމައިންނެވެ. ގާނޫނު އަސާސީގެ 71 ވަނަ މާއްދާ އާއި 72 މާއްދާއަށް ރިއާޔަތް ކުރައްވާފައެވެ. މޫސަގެ ސުވާލު ވަރަށް ސާފެވެ. ހަގީގަތުގައިވެސް އެއީ ގާނޫނީ ގޮތުން ފުށުއެރުންތަކެއް އަތުވެދާނެ ކަމެވެ.
މޫސަ މި އުފައްދާ ސުވާލަކީ، އަތޮޅު ކައުންސިލްތައް އުވާލައިފިނަމަ، ޤާނޫނު އަސާސީގެ 71 ވަނަ މާއްދާގެ ދަށުން އިންތިޚާބު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބު ކޮށްފައިވާ އިދާރީ ދާއިރާތަކުގެ އުސޫލު ގެއްލޭނެ ނޫންތޯ އުފައްދާ ސުވާލެކެވެ. ގާނޫނަށް އިސްލާހު ގެނެސް އަތޮޅު ކައުންސިލްތައް އުވާލާނީވެސް މެމްބަރުންނެވެ. އެކަން ކުރާއިރު، އެ މެމްބަރުންގެ އިދާރީ ދާއިރާތަކަށް ޤާނޫނީ ގޮތުން ވަނީ ކީއްތޯ ވިސްނާލީ ކިތައް މެމްބަރުންތޯއެވެ.
"ޤާނޫނުއަސާސީގެ 8 ވަނަ ބާބުން އެކުލަވާލެވިފައިވާ އަތޮޅު ކައުންސިލްތަށް އުވާލާނަމަ ، ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގެ ދަށުން އިންތިޚާބު ކުރި ރައްޔިތުންގެ މަޖުލީހަށް މެމްބަރުން އިންތިޚާބު ކުރުމުގައި، ޤާނޫނުއަސާސީގެ 72 ވަނަ މާއްދާގެ ހ. ގައި ބަޔާންކުރާ އިދާރީ ދާއިރާގެ އުސޫލު ގެއްލި، ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި ދިވެހި ރާއްޖެ ކަމުގައި ބަޔާން ކޮށްފައިވާ އިދާރީ ދާއިރާތަށްވެސް އުވުނީތާއެވެ؟" މޫސަގެ ސުވާލަކީ މިއީއެވެ.
އެ ހިސާބުން ދެން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އުފައްދަވާ އަނެއް ސުވާލަކީ އެ ހިސާބުން ދެން މިހާރު އޮތް ރައްޔިތުންގެ މަޖިލީހަށް ވާނީ ކީއްތޯއެވެ. އިދާރީ ދާއިރާތައް އުވޭ ހާލަތުގައި މަޖިލިސްވެސް އުވޭނެތާއެވެ.
"ތެދައް ބުނާނަމަ ރައްޔިތުން ތަމްސީލުކުރާ މަޖްލިސްވެސް އުވާލެވެނީ ތާއެވެ؟" މޫސަ ވިދާޅުވިއެވެ.
މިއީ ބަހުސް ކޮށްލައި ވިސްލާނަން ރަނގަޅު ޕޮއިންޓެކެވެ. މެމްބަރުންނަށްވެސް މި ކުރެވެނީ ކީއްކަން ރަނގަޅަށް ސާފުވާން އެބަޖެހެއެވެ. އެހެންނޫނީ "ގޮނޑި ގެއްލޭ އިސްލާހު" ފާސްކުރި ފަދައިން މަޖިލިސް އުވާލެވޭ އިސްލާހެއް ނޭނގިތިބެ ނަމަވެސް ފާސްކޮށްލެވިއްޖެނަމަ ގާނޫނީ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ދިޔުމަކީވެސް ނެތް ކަމެއްނޫނެވެ.