- ސަރުކާރުން ގެނައި އިސްލާޙުތައް އެމްޑީީގެ ވެރިކަމެއްގައި ބާތިލު ކުރާނެކަމުގެ ޔަގީންކަން ޝާހިދު ދެއްވި
- ކައުންސިލްތަކުގެ ގޮވާލުމަށް ސަރުކާރުން ދިނީ ބީރުކަންފަތެއް
- ރައީސް މުއިއްޒު ސާބިތުކޮށް އެދެއްވީ ރައްޔިތުންގެ އަޑު އައްސަވަން ބޭނުންފުޅުނޫންކަން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ގެނައި އިސްލާޙާއެކު، ކައުންސިލްތަކަށް ގެއްލިގެންދިޔަ ހުރިހާ ބާރެއް، އެމްޑީޕީގެ ވެރިކަމެއްގައި އަނބުރައި ހޯދައިދޭނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ގެނައި އިސްލާޙު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރުމުގެ ކުރިން ރާއްޖޭގެ ވަރަށްގިނަ ކައުންސިލްތަކުން އެ އިސްލާޙުތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން ސަތޭކައަށްވުރެ ގިނަ ކައުންސިލުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ގޮވާލާފައި ވަނީ އަލުން ވިސްނައި، އެ އިސްލާޙުތައް އަނބުރައި ގެންދިއުމަށެވެ. އަދި ބިލު ތަސްދީގު ނުކުރެއްވުމަށްވެސް އެދިފައިވެއެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ މި ބިލު މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގު ކުރައްވާފައެވެ.
މިކަމާއި ގުޅިގެން ޝާހިދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާޙުތައް އެމްޑީީގެ ވެރިކަމެއްގައި ބާތިލު ކުރައްވާނެ ކަމަށެވެ. އަދި ޔަގީންކަން ދެއްވީ ކައުންސިލްތަކަށް ކުރިންވެސް ލިބިފައި އޮތް ހުރިހާ ބާރުތަކެއް އަލުން ހޯއްދަވައި ދެއްވާނެ ކަމަށެވެ.
"މި ގެނައި ބަދަލުތަށް ރައްޔިތުން ބަލައެއް ނުގަނޭ. މި ބަދަލުތައް ބާތިލުކޮށް އިހުއޮތް ބާރުވެރިކަން ރައްޔިތުންނަށް އަޅުގަނޑުމެން ހޯދައިދޭނަން." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، އެ ބިލު އަނބުރައި ގެންދިއުމަށް ކައުންސިލްތަކުން ގޮވާލާފައި ވަނިކޮށް، އެ ބިލު ތަސްދީގު ކުރެއްވުމުން ސާބިތު ވެގެންދިޔައީ ރައްޔިތުންގެ އަޑު އައްސަވަން ރައީސް މުއިއްޒު ބޭނުންފުޅުނުވާ ކަމެވެ. ކައުންސިލްތަކުގެ ގޮވާލުމަށް ސަރުކާރުން ބީރުކަންފަތެއް ދިނީ އެހެންވެ ކަމަށް ވިދާޅުވިއެވެ.
"100 އަށްވުރެ ގިނަ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާންތަކަށް އެއްވެސް މިންވަރެއްގެ އަޅާލުމެއް ބަލާލުމެއްނެތި ބީރުކަންފަތެއް ދެއްވައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމުން ސާބިތުކޮށްދިނީ ލާމަރުކަޒީ ނިޒާމު ގެ އުސޫލުތައް ފުނޑުފުޑުކޮށްލުމަށް ބޭނުންފުޅުވުމުގެ އިތުރަށް ރައްޔިތުންގެ އަޑު އަށްސަވަންވެސް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުނުވާކަމެވެ." ޝާހިދު ވިދާޅުވިއެވެ.
މި ބިލު ތަސްދީގު ނުކުރެއްވުމަށް ބަޔެއް ކައުންސިލްތަކުގެ ރައީސުން ސީދާ ރައީސަށްވެސް ދަންނަވާފައިވެއެވެ. އެއީ މިދިޔަ ހަފްތާގައި ބ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ބޭއްވި ޖަލްސާތަކުގައެވެ.