ރައީސް ޑރ. މުހައްމަދު މުއިއްޒަށްވުރެ ދޯހަޅިކޮށް، ދޯދިޔާކޮށް ވެރިކަން ކުރެއްވި ބޭފުޅަކު މިހާތަނަށް ފެނިވަޑައިނުގަންނަވާ ކަމަށާއި، މިހާރުގެ ސަރުކާރަށްވުރެ ވަކީން ހުދުމުހުތާރު ވެރިކަމެއް ދެން ނުފެންނާނެ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. .
އަދަދު ނޫހުން ގެނެސްދޭ ”އެތެރެފުށް“ ޕްރޮގްރާމްގައި މި ސަރުކާރު ގެންނަން އެ ބޭފުޅެއްގެ ނަން އެންމެ ގިނައިން ބޭނުން ކުރެއްވި ކަމަށް ވިދާޅުވާ ޔާމީން ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމުގެ ވެރިކަމާއި އޭގެ ފަހުން ކުރި ހުރިހާ ވެރިކަމެއް ތަޖުރިބާ ކުރެއްވި ކަމަށެވެ.
ނަމަވެސް އެއްވެސް ވެރިއަކު ރައީސް ޑރ. މުއިއްޒުހާ ދޯހަޅިކޮށް ވެރިކަން ކުރެއްވި ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވިއެވެ
"އަޅުގަނޑެއް ނުދެކެން މިހާރު މި ހުންނެވި ވެރިޔާ، މުއިއްޒު ވަރަށް، މުއިއްޒުހާ ދޯހަޅިކޮށް، ދޯދިޔާކޮށް ވެރިކަމެއް ކުރި ރައީސްއަކު. އަޅުގަނޑެއް ނުދެކެން އިނގޭތޯ. ހުރިހާ ގޮތަކުންވެސް، ހުރިހާ ގޮތަކުން ރާއްޖޭގެ ހުރިހާ ދިމާލަކަށް ބެއްޔަސް ރައްޔިތުން އެ ސަފާ ކުރަނީ އިނގޭތޯ.“ ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވި ގޮތުގައި މިހާރުގެ ސަރުކާރަށް އިގުތިސާދީ ވިސްނުމެއް ނެތެވެ. އަދި ސިޔާސީ ވިސްނުމެއްވެސް ނެތް ކަމަށް ވިދާޅުވެ، ގާނޫނުއަސާސީގެ ހުރިހާ ބާރުތައް މުށުތެރެއަށް ލައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއްވެސް މުއައްސަސާއަކަށް އޭގެ ޒާތުގައި ގާނޫނުއަސާސީން މަތިކޮށްފައި އޮތް އަމާނާތް އަދާ ކުރުމުގެ ޖާގައެއް ނުދެއްވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައިވެސް ގާނޫނުގެ ހަވާސާއިން ބޭރުން ކަންތައްތަކެއް ކުރެއްވި ނަމަވެސް، ގާނޫނުއަސާސީގެ ބާރު ކަނޑުވައިލަން ސީދާ މަސައްކަތެއް ކުރެއްވިތަން ނުފެންނަ ކަމަށް ޔާމީން ވިދާޅުވިއެވެ.
ނަމަވެސް މިހާރުގެ ސަރުކާރުން، މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ޕީއެންސީން ގާނޫނުއަސާސީ ބަދަލު ކުރުމާއި، ޣައިރު ޤާނޫނީކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތަކެއްގެ މައްސަލަ ރައީސް މުއިއްޒުގެ ސީދާ ބާރު އޮތް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލައި، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އެ ފަނޑިޔާރުން ވަކިކުރި ވާހަކަވެސް ޔާމީން ނުސީދާކޮށް ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށް ވުރެ ހުދުމުހުތާރު އެހެން ވެރިކަމެއް ރާއްޖެއިން ދެން ނުފެންނާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
"ސިފަ ކުރާ ކަމަށްވަންޏާ މިއަށްވުރެ ހުދުމުހުތާރު ވެރިކަމެއް ހަމަ ނުފެންނާނެޔޭ ދެންނެވޭނީ އިނގޭތޯ. އެހެންވީމާ އަޅުގަނޑު ހަމަ ސިފަ ކުރަނީ ހަމަ ބިގްޓައިމް ގާނޫނުގެ ތަރަހައިގެ ތެރެއިންނާއި ރައްޔިތުންގެ އެކްސްޕެކްޓޭޝަންގެ ތަރަހައިގެ ތެރެއިން ބިގްޓައިމް މިއީ ހަމަ ބޮޑު ޑިސެޕޮއިންޓްމެންޓެއް މި ސަރުކާރަކީ، މުއިއްޒުގެ ސަރުކާރަކީ،“ ޔާމީން ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގައި އިތުރަށް އެންމެ މަސް ދުވަސް ވަންދެންވެސް މުއިއްޒު ބަހައްޓައިފި ނަމަ، ރައްޔިތުންނަށް އިންތިހާއަށް ނިކަމެތިކަން ލިބޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އެންމެ ރީތި ގޮތަކީ ވެރިކަން ނުކުރެވޭނެކަން ގަބޫލުކޮށް ވެރިކަމުން އަމިއްލައަށް އިސްތިއުފާ ދިނުން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.