ސަރުކާރުން މީހުން ހައްޖަށް ފޮނުވުމުގައި ވަކިބަޔަކަށް އިސްކަންދީފައި ނުވާނޭކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، ހައްޖު ކޯޓާއާ ގުޅޭގޮތުން ރައްޔިތުން މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުގެ ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ ސަރުކާރުން ވަކި ޢާއިލާތަކެއް ހައްޖަށް ފޮނުވަން ކޯޓާ ނަގާ ވާހައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އެ ބީދައިން އެއްވެސް ފަރާތަކަށް ފުރުސަތު ދެމުން ނުދާކަން މިނިސްޓަރު ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގައި ދައުލަތުން ރިޒާވްކުރާ ކޯޓާ ތަކެއް ހުންނަ ކަމަށެވެ. އެގޮތުން އެއީ ސަރުކާރުގެ މުއައްސަސާތަކުގެ ބޭނުމަށާއި، އުޒުރުވެރިންނާއި ޚާއްޞަ ޙާލަތްތަށް ދިމާވާ ފަރާތްތަކުގެ ބޭނުމަށްކަމަށް ނުވަތަ ނުވަތަ ބަލި މީހުންގެ އެހީތެރިންނަށްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރިޒާވް ކުރެވޭ ކޯޓާ އެފަރާތަށް ޙަވާލުކުރަނީ އޮންނަ ޤަވާޢިދާ އުޞޫލުތަކުގެ ތެރެއިންކަމުގައި ދަންނަވަން. ނުޙައްޤުން އެއްވެސް މީހަކަށް ހައްޖު ކޯޓާ ނުދޭ ކަމުގެ ފުރިހަމަ ޔަޤީންކަން މިޢިއްޒަތްތެރި މަޖިލީހަށް ކަށަވަރުކޮށްދެން
މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ
ޝަހީމް ވިދާޅުވީ އިންސާފުވެރިކަމާއެކު ކޯޓާގެ ކަންކަން ތަރުތީބު ކުރުމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސަތުގައިވަނީ އުޞޫލުތަކެއް ކަނޑައަޅުއްވާފައިވާކަމަށެވެ.
ކަނޑައަޅުއްވާފައިވާ އުޞޫލްތައް
1- އަލަށް ހައްޖަށް ދާ ފަރާތްތަކަށް އިސްކަން ދިނުން
2- ކޮންމެ 5 އަހަރަކުން ނޫނީ ތަކުރާރުކޮށް ކޯޓާ ނުދިނުން
3- އުމުރުން 65 އަހަރުން މަތީ މީހުންނަށް ވަކި އިންސައްތައެއް ކޮންމެ އަހަރަކު ކަނޑައެޅުން
4- ހައްޖުގެ ޢާމިލުންނާއި ޚިދުމަތްތެރީންނާއި ޞިއްޙީ މާހިރުން މިކަންކަމުން އިސްތިސްނާވުން
މިނިސްޓަރު ވިދާޅުވީ ކުރިއަށްއޮތްތަނުގައި އަމަލުކުރުމަށް މި އުސޫލުތައް އެކުލަވާލާފައިވަނީ އެހެން ޤައުމުތަކުގައިވެސް މިކަންކަން ކުރާގޮތް ބަލައި ދިރާސާތަކެއް ކުރުމަށްފަހު ކަމަށެވެ. އެގޮތުން މި އުސޫލްތަކާއެކު، ކިއު ތަރުތީބު ކުރުމުގައި އުމުރުން އެންމެ ދުވަސްވީ މީހުންނާއި އަލަށް ހައްޖަށް ދާ މީހުންނަށް އަބަދުވެސް އިސްކަމެއް ދެވެމުންދާނެކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.