ބްލޮކް ގްރާންޓުގެ ބޭނުން ކޮށްގެން ކައުންސިލް ތަކުން ބޭކާރު ދަތުރު ކުރާކުރާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެ އެވެ.
ބ. އަތޮޅު ކެންދޫއަށް ރޭ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބައެއް ކައުންސިލް ތަކުން، ޒިންމާދާރުކަން ކުޑަކޮށް، ބްލޮކް ގްރާންޓްގެ ގޮތުގައިދޭ ފައިސާ އާއި، އަދި އާމްދަނީގެ ގޮތުގައި، ހަމަ އެ އޮންނަ އުސޫލުގެ ތެރެއިން ހޯދާ ފައިސާވެސް ބޭނުންކުރާ ގޮތް ފެނިވަޑައިގަންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ އެކަމުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކުން ވެސް އެ މޭރުމުން އަމަލު ކުރާތަން ފެންނަމުންދާ ކަމަށެވެ.
"މުޅި ކައުންސިލް އޮތްގޮތަށް ތަޖުރިބާގެ ދަތުރު ކިޔާފައި، އެއްވެސް ރަށެއްގެ ރައްޔިތަކަށް، ނޫނީ އަތޮޅަކަށް ފައިދާނުވާނެ، ފައިދާއެއް ނުހޯދޭނެ ތަންތަނަށް، ގައުމު ތަކަށް ބައެއް ކައުންސިލް ތަކުން އެބަދޭ، ބްލޮކް ގްރާންޓްގެ ގޮތުގައި މިދޭ ފައިސާ ބޭނުން ކޮށްގެން. ނޫނީ އާމްދަނީގެ ގޮތުގައި، ތިޔަ ހޯއްދަވާ ފައިސާ ބޭނުން ކޮށްގެން. އެއީ ޒިންމާދާރު ގޮތެއް ނޫން." ރައީސް ވިދާޅުވި އެވެ.
ރައީސް އެފަދައިން ވިދާޅުވިއިރު އޮޑިޓް ރިޕޯޓްތަކުގައިވެސް އެކަން ދަނީ ފާހަގަ ކުރަމުން ނެވެ. އެގޮތުން މިދިޔަ އަހަރު އޮޑިޓް އޮފީހުން ނެރުނު ހދ. އަތޮޅު ކައުންސިލްގެ އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގޮތުގައި މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްގެން ހދ. އަތޮޅު ކައުންސިލުން ތައިލެންޑުގެ ބެންކޮކަށް ދަތުރުކޮށްފައި ވެއެވެ. އެހެން ނަމަވެސް އެ ދަތުރުން ކުރި ފައިދާއެއް ފެންނަން ނެތް ކަމަށްވެސް އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެެވެ.
ރައީސް ވިދާޅުވީ ކައުންސިލް ތަކަށް ބްލޮކް ގްރާންޓް ދެނީ، ގާނޫނަކުންވެސް ފުރުސަތު ދީގެން އާމްދަނީ ހޯދުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން ރަށުގައި ކުރަން ހުންނަ މުނިސިޕަލް ހިދުމަތްކޮށް އަދި ރަށަށް ބޭނުންވާ ކަންކަމަށް އިންވެސްޓްކޮށް އެކި ކަންކަމަށް އާމްދަނީ ހޯދަމަކީ އޭގެ މަގުސަދުކަންވެސް ރައީސް ފާހަގަ ކުރެއްވި އެވެ.