ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގުރުއަތު ނެގުމަށްފަހު ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުމުގެ މަސަައްކަތުގެ ދަށުން މިހާތަނަށް 800 ވުރެ ގިނަ މީހުންނަށް ރަޖިސްޓްރީ ދޫކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނީ ގެދޮރުވެރިޔާ ސްކީމްގެދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންނަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާތަނަށް 843 މީހަކަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ދަނީ މިނިސްޓްރީ ކުރިން ހިންގި އިމާރާތުގެ ބިމުގަ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ކުރީ ސަރުކާރުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ދޫކުރުމަށް އިޢުލާނުކޮށް ގޯތި ލިބުނު ފަރާތްތަކަށް ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް، ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފައިވެ އެވެ.
ނަމަވެސް އެކި ސަބަބުތަކާ ހެދި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާ ގުޅިގެން، ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ޕްލޮޓުގެ ސަރަހައްދު ބަދަލުވި އެވެ. އެހެން ކަމުން އެ މީހުންގެ މެދުގައި އަލުން ގުރުއަތުލައި، ލިބޭ ޕްލޮޓް ވަނީ ކަނޑައަޅާފަ އެވެ.