ރިޕޯޓްގެ މައްސަލަ ބަލަނިކޮށް މާލިއްޔަތު ކޮމެޓީން ޝުޖާއު ވަކިކޮށްފި

ރިޕޯޓްގެ މައްސަލަ ބަލަނިކޮށް މާލިއްޔަތު ކޮމެޓީން ޝުޖާއު ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަދި ވެރިކަންކުރާ ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނި ތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރު ކުރި ކަމަށް ބުނާ ރިޕޯޓެއް ލީކުވި މައްސަލަ ފުލުހުން ބަލަން ފަށާފައިވަނިކޮށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ޝުޖާއު ވަކިކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ވަނީ، މާލިއްޔަތު ކޮމެޓީގައި އިންނެވި ޝުޖާއުގެ ބަދަލުގައި ގުރައިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހަމަޖައްސާފައިވާކަން އިއުލާނު ކުރައްވައިފައެވެ. ޝުޖާއު ބަދަލުކުރީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަކަށެވެ.

ޝުޖާއު އެ ކޮމިޓީން ބަދަލުކޮށްފައި މިވަނީ ޑޮލަރުގެ މައްސަލައިގައި މިއަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެ ކޮމިޓީއަށް ހާޒިރު ކުރަން ތަވާލުކޮށްފައި އޮއްވައެވެ. އެ ބައްދަލުވުން އޮތީ މިއަދު 11:00 ގައެވެ.

ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނި ތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ހިންގާފައިވާ މުއާމަލާތަކާ ގުޅޭ މައްސަލަ ފުލުހުން ބަލަން ފެށީ އެފްއައިޔޫގެ ރިޕޯޓު ސޯޝަލް މީޑިއާގައި ލީކުކޮށްލި ފަހުންނެވެ. ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް އާއި އިތުރު ކުންފުނި ތަކަކުން ހިންގި މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫ އިން ތައްޔާރު ކުރި ކަމަށް ބުނާ މި ރިޕޯޓް ސޯޝަލް މީޑިއާގައި ލީކު ވެފައިވަނީ މިިދިޔަ ހޮނިހިރު ދުވަހުއެވެ.

އެ ރިޕޯޓު ދޮގު ކުރައްވައި "އެކްސް"ގައި ޝުޖާއު ވިދާޅުވީ އެކަމަކީ އޭނާ ހިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމަށް ދެކެވަޑަައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ އޭނާގެ ކުންފުންޏަކީ ގާނޫނާއި ގަވާއިދުގެ ތެރެއިން ހިންގަމުންދާ ކުންފުންޏެއް ކަމަށެވެ.

"ފަތުރަމުން ދަނީ އަސްލެއް ކަމެއް ނުވަތަ ފޭކެއް ކަމެއް ދަންނަވަން އަޅުގަނޑަށް ނޭނގެއެވެ. ސަބަބަކީ އެކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ރަސްމީ އިދާރާއަކުން އަޅުގަނޑަށް ލިބިފައި ނުވާތީއެވެ. އެއީ ސައްހަ ލިޔުމެއް ނަމަ އެއީ އެ މަސައްކަތްތައް ކާމިޔާބު ކުރިގޮތާއި އެ މަސައްކަތް ކުރިގޮތް ވަރަށް ބޮޑަށް އޮޅޭގޮތަށް ނުވަތަ ގަސްދުގަައި ހަގީގަތް އޮޅުވާލައި އަޅުގަނޑުގެ ހިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއްކަމުގައި ދެކެމެވެ." ޝުޖާއުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އެ ތަހުގީގީ ރިޕޯޓަކީ ޝުޖާއު އާއި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާފިޒު އަދި އޮފިޝަލް އިވެންޓްގެ ހިއްސާދާރެއް އަދި ޕީއެސްއެމްގެ ބޯޑު މެންބަރު އަހުމަދު އަދުހަމްއާ ބެހޭ ގޮތުން އެކުލަވާލެވިފައިވާ ރިޕޯޓެކެވެ. ނާފިޒަކީ ޝުޖާއުއާ އާއިލީ ގުޅުން އޮންނަ މީހެކެވެ.

އެފްއައިޔޫ އިން ތައްޔާރުކޮށް އަދި ފުލުހުންނަށް ފޮނުވާފައިވާ ކަމަށް ބުނާ އިންޓެލިޖެންސް ރިޕޯޓުގައިވާ ގޮތުން ޝުޖާއުގެ އޮފިޝަލް އިވެންޓްސްއާ އެކު އިތުރު ހަތަރު ކުންފުންޏަކުން މުއާމަލާތްކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *