އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ކުރިމަތި ލައްވާނެކަން ރީކޯ މޫސާ މަނިކު މިރޭ ރަސްމީކޮށް އިއުލާނު ކުރައްވައިފިއެވެ.
މިރޭ އެމްޑީޕީގެ ހަރުގޭގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، އެންމެ އަވަހަށް އޮންނަ ޗެއާޕާސަން ކަމުގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށެވެ. އަދި މީގެކުރިންވެސް ޗެއާޕާސަން ކަމުގެ މަގާމު އަދާކުރައްވައި، ލިބިފައިވާ ތަޖުރިބާއާއެކު އެމްޑީޕީ އެކަތިގަނޑަކަށް ހެދުން އެއީ އެންމެ ބޭނުންވާ ކަންތައް ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
ޗެއާޕާސަން ކަމަށް ކުރިމަތި ލައްވާނެ ކަމަށް ކުރިންވެސް ބެލެވިފައިވާ މޫސަ ރަސްމީކޮށް އެކަން މިރޭ އިއުލާނު ކުރެއްވުމަށްފަހު ވިދާޅުވީ، އެމްޑީީޕީއަކީ ފަހަތަށް ޖެހޭ ޕާޓީއެއް ނޫން ކަމަށެވެ. އެގޮތުން ސަރުކާރުން ދެއްކިހާ ބުރެއްގެ ވަށައިގެން އެނބުރޭ ޕާޓީއަކަށް އެމްޑީީޕީ ވެގެންނުވާނެ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
އެގޮތުން މާދަމާ އެ ޕާޓީން ބާއްވާ ދުވުމަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވީ، އެކަމުގައިވެސް ސަރުކާރުން ފަހަތަށް ޖެއްސި ވަރަކަށް ފަހަތަށް ޖެހިގެން ނުވާނެ ކަމަށާއި، އެ ދުވުން ބާއްވަން އޭނާއަށް ފެނިވަޑައިގަންނަވަނީ މާލޭގައި ކަމަށެވެ. ދުވުން އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މޫސަ ވިދާޅުވީ، ދުވުން ފެށުން ނުވަތަ ނިންމުން މާލެއަށް ބަދަލު ކުރުމަކީ އޭނާ ބޭނުންވާ ގޮތް ކަމަށެވެ.
މޫސަ ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި މިހާރު އޮތް ބައިބައިވުންތައް ނައްތާލަންޖެހޭ ކަމަށެވެ. އެކެއް އަނެކަކާ މޫނު ދިމާނުވާ މީހުން އުޅޭ ޕާޓީއަކަށް އެމްޑީޕީ ވެގެންނުވާނެ ކަމަށެވެ. އެގޮތުން އޭނާ ޗެއާޕާސަން ކަމުގައި ހުންނެވިއިރުވެސް ޕާޓީގެ މެމްބަރުންގެ މެދުގައި ގުޅުން ވަރުގަދަ ކުރުމަށް އިސްކަން ދެއްވިކަން ފާހަގަ ކުރެއްވިއެވެ.