ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް (ނ.ޢ.ޢ.ވ)، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އަރުވައިފި އެވެ.
ގާސިމަށް އެ ލަގަބު އެރުވީ ވިޔަފާރީގެ ދާއިރާއިންނެވެ. ގާސިމަށް އެ ލަގަބު އަރުވައިދެއްވީ މިއަދު ބޭއްވި މިނިވަންދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ގާސިމް ވަނީ ސަރުކާރުގެ ތަފާތު ވަޒީފާތައް އެކިދުވަސްވަރު އަދާކުރައްވާފަ އެވެ. އެގޮތުން 1969 ވަނަ އަހަރު ތައުލީމީ މަރުޙަލާ ނިންމުމަށްފަހު ސަރުކާރުގެ ހިދުމަތަށް ވަދެވަޑައިގެން ސަރުކާރާއި ގުޅިވަޑައިގަތީ މާލޭގައި ހުރި ގަވަމަންޓް ހޮސްޕިޓަލްގެ ކާތިބެއްގެ ވަޒީފާއިންނެވެ. އެކައުންޓެންސީގެ ދާއިރާއިން ޕްރޮފެޝަނަލް ކޯހެއް ފުރިހަމަކުރުމުން 1972 ވަނަ އަހަރު ގާސިމްގެ މަގާމް އެކައުންޓެންޓެއްގެ މަގާމަށް ބަދަލު ކުރެވުނެވެ. އެއަށްފަހު 1973 ވަނަ އަހަރު ސަރުކާރުގެ ވަޒީފާ ދޫކުރައްވައި އަމިއްލަ މަސައްކަތުގެ ދާއިރާއަށް ވެދެވަޑައިގެންނެވި އެވެ.
އެއަށްފަހު ގާސިމް ވަނީ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ދެއަހަރެއްވަރު އަދާކުރައްވާފަ އެވެ. ގާސިމް ފިނޭންސް މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތީ އޮގަސްޓް 18، 2005 ގަ އެވެ. ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ ޖުލައި 10، 2008 ގަ އެވެ.
ގާސިމް ވަނީ ނޮވެންބަރު 01، 2018 އިން މެއި 27، 2019ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައެވެ. ހަމައެއާއެކު ގާސިމަކީ، ރާއްޖެއަށް ޑިމޮކްރަސީ ތައާރަފުކުރުމަށް އަމަލުކުރަން ފެށި ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ރައީސްކަން ކުރެއްވި ބޭފުޅެއްވެސްމެ އެވެ.
ގާސިމް ސަރުކާރުން އިސްތިއުފާ ދެއްވުމަށްފަހު އުފެއްދި ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތީ އޮގަސްޓް 07، 2008 ގަ އެވެ. އަދި އެޕާޓީގެ ފުރަތަމަ ކޮންގްރެސްގައި ޕާޓީގެ ލީޑަރަކަށް ގާސިމް ހޮވިވަޑައިގަތެވެ. އެ ފަހުން ބޭއްވި ގިނަ ރިޔާސީ އިންތިހާބުތަކުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓަކީ ގާސިމް އިބްރާހީމެވެ.
ގާސިމް ވަނީ 2008، 2013 އަދި 2023 ގައި ވެސް ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވައިފަ އެވެ. އަދި ގިނަ އިންތިހާބުތަކުގައި ރައީސްކަމަށް ބޭފުޅުން ހޮވިވަޑައިގަތީ ގާސިމްގެ ތާއިދާއެކުގަ އެވެ.