އިންޑިއާއަކީ ރާއްޖެއަށް ދިމާވާ ހުރިހާ ހާލަތެއްގައި ދެގޮތެއްނުވެ އޮންނަ އެކުވެރި ގައުމެއް ކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން ޝާހިދު މިއަދު ވިދާޅުވީ ރާއްޖެއަށް ކުރައްވާ ދަތުރާ ގުޅިގެން މޯދީއަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ މި އަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރަށްވުމުގެ އިތުރުން ރާއްޖެ އާއި އިންޑިއާގެ ގުޅުމަށްވެސް 60 އަހަރު ފުރޭ އަހަރު ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ ހިއްސާ ކުރެވޭ ތާރީޚުގެ މުހިންމު މަރުޙަލާއެކެވެ. އެއީ ރަޙްމަތްތެރިކަމާއި، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާއި، އެއްބާރުލުން ދިނުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ." ޝާހިދު ވިދާޅުވިއެވެ.
"އިންޑިޔާއަކީ އަބަދުވެސް ދިވެހިރާއްޖެ ކުރިއަރައި ދިޔުމުގެ ދުވަސްވަރުގަ އާއި އުނދަގޫ ދަތި ދުވަސްވަރުގައިވެސް އަޅުގަނޑުމެންނާއެކު ސާބިތުކަމާއެކު އޮތް ބައިވެރިއެކެވެ. " ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް އެންމެ ފުރަތަމަ އެހީތެރިވާ އަދި އެންމެ ގާތް ބައިވެރިޔާ ކަމަށެވެ. ބޮޑުވަޒީރު މޯދީ މިނިވަން ދުވަހުގެ ޖަލްސާގެ ޝަރަފުވެރި މެހެމާނަކަށް ވުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން ރަނގަޅު ފެށުމެއް ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
މި ތާރީޚީ މުހިންމު ވަގުތު، ކުރު ނަޒަރަކުން ދެކިގެން އެކުލަވާލާ ސިޔާސަތު ތަކަކުން ނުވަތަ ޑިޕްލޮމަސީގެ ރޮނގުން ކުރެވޭ ކުށްތަކަކުން އަނދިރިވެގެން ނުދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.