ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކަންބޮޑުވުމަކީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުން ރައްޔިތުންގެ މަޖިލީހުގެ ސިމްޕަލް މެޖޯރިޓީން ފާސް ކުރެވޭ ގޮތަށް، "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލު" ގައި އޮތުން ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޑިރެކްޓާރ ޑރ. އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ، "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލު" އަށް ސިޔާސީ ޕާޓީ ތަކުގެ ހިޔާލު ހޯދުމަށް ޕާޓީތަކަށް ދައުވަތު ދީގެން، އެ ބިލް ދިރާސާކުރާ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޖޭޕީގެ ހިޔާލު ހުށަހަޅުއްވަމުންނެވެ.
އަމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިހާރު އޮތްގޮތަށް އަބަދު ސަރުކާރަށް އޮންނާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުން ބެހިފައިވާ ގޮތް އަބަދު މިގޮތަށް އޮންނާނެ ކަމަށް ވިސްނައިގެން ނުވާނެ ކަމަށެވެ.
"އެހެންކަމުން މިކަހަަލަ އާއްމު ވޯޓަކަށްދާ ދިއުމަކީ ވަރަށްބޮޑު ހަރަދުތަކެއް ހިމެނޭ ކަމެއްް، ރާއްޖޭގެ އިގްތިސާދު ވަަރަށް ބޮޑަށް ބަރޯސާވެފައި މިވަނީ ޓޫރިޒަމަށް ކަމަށް ވާތީ ދުނިޔޭގެ މަސްރަހަށް މިއަންނަ ބަދަލާއެކީގައި ރާއްޖޭގެ އިގްތިސޯދަށްވެސް ނޭދެެވޭ އަސަރުތައް ކުރަމުން އެބައާދޭ. އެހެންވީމާ ކުރިއަށް އޮތް ތަނުގައިވެސް ވަރަށްބޮޑު ޗޭންޖެއް ފަހަރުގައި އަތުވެދާނެ،" އަމީން ވިދާޅުވި އެވެ.
އެހާފަސޭހައިން އާއްމުންގެ ވޯޓު ނަގަން ފާސްކުރެވޭ ގޮތަށް ބިލުގައި އޮތުމަކީ، އެފަދަ ދަނޑިވަޅު ތަކުގައި ދިމާވެދާނެ ވަރަށްބޮޑު ގޮންޖެހުމަކަށް ވެދާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
"އެފަދަ ހާލަތެއްގައި މަޖިލީހުގެ ކޮމްޕޮޒިޝަން އޮތް ގޮތަކުން ވަރަށް ފަސޭހަކަމާއެކީގައި އާއްމު ވޯޓަކަށް ދާން ބޭފުޅުންކޮޅެއް މަސައްކަތް ކުރައްވަފާނެ، ކޮމްޕޮޒިޝަން އޮތްގޮތުން ފާސްވެސް ވެދާނެ، އެއިން ކޮންމެ ފަހަރެއްގައި ސަރުކާރުގެ ނުވަތަ ދައުލަތުގެ މާލީ ހާލަތު އޮތްގޮތުން އެކަންކުރުން އުނދަގޫ ކަމަކަށްވެސް ވެދާނެ،" އަމީން ވިދާޅުވި އެވެ.
އެހެން ކަމުން މަޖިލީހުގެ ސިމްޕަލް މެޖޯރިޓީން، އާއްމު ވޯޓު ނަގަން ފާސްކުރެވޭ ގޮތަށް އޮތް މާއްދާއާއިމެދު މެންބަރުން ވިސްނާވަޑައިގަތުމަށް އަމީން އެދިވަޑައިގެންނެވިއެވެ.
އަމީން އިތުރަށް ވިދާޅުވީ، ރައްޔިތުންގެ އާއްމު ވޯޓު ކޮންމެހެން ނަގަންޖެހޭ ހާއްސަ ހާލަތްތަކެއް ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އެއިން އެއްވެސްކަމެއް މި ބިލުން އުނިވެގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެންމެ މުހިއްމު ކަމަކީ ގާނޫނުއަސާސީގައި ކަނޑައެޅިގެން ރައްޔިތުންގެ ހިޔާލު ހޯދައިގެން ކުރަން ޖެހޭނެ ކަަމަށް ކަނޑައަޅާފައިވާ ކޮންމެ ކަމެއް އެ ކަމެއް ގާނޫނުއަސާސީގައި ކަނޑައޅާފައިވާ ކޮންމެ މާއްދާއެއް މި ބިލްގެ ތެރޭގައި ހިމެނެން ޖެހޭނެ، ޝާމިލްވާން ޖެހޭނެ،" އަމީން ވިދާޅުވި އެވެ.
މީގެ އިތުރުން އިލެކްޓްރިކް ވޯޓިން ސިސްޓަމަކަށް ގޮސްފި ނަަމަ ކަންތައް ކުރަން ޖެހޭނެ ގޮތެއް، އަދި ވޯޓުގެ ނަތީޖާ އެއްވަރު ވެއްޖެނަމަ ކަންކުރާނެ ގޮތެއް ބިލުގައިނެތް ކަންވެސް އަމީން ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ އެކަންތައް ތަކަށް ބިލުގައި ގޮތެއް ކަނޑައެޅެން ޖެހޭނެ ކަމަށެވެ.