ހުކުރު ދުވަހު ބާއްވާ ދުވުމަށް ސެންޓްރަލް ޕާކު ސަރަހައްދު ނުދިން، ދެން ދުވުން ބާއްވާނީ މަޖީދީމަގު: އެމްޑީޕީ

ހުކުރު ދުވަހު ބާއްވާ ދުވުމަށް ސެންޓްރަލް ޕާކު ސަރަހައްދު ނުދިން، ދެން ދުވުން ބާއްވާނީ މަޖީދީމަގު: އެމްޑީޕީ

  • އެޗްޑީސީން ބުނީ ފޭސް ދޭއްގެ ރުއްގަނޑު ސަރަހައްދުގައި ދުވުން ބާއްވާށޭ: އެމްޑީޕީ
  • ސެންޓްރަލް ޕާކު ވަށައި އޮންނަ ސަރަހަދުގައި ދުވުމުގެ ހުއްދައަށް ދެފަހަރު އެދުނިން، ހުއްދައެއް ނުދިން: އެމްޑީޕީ
  • ހުއްޓުވަން ސަރުކާރުން އުޅުނަސް ނުހުއްޓުވޭނެ، ދެން ދުވުން ބާއްވާނީ ހުއްދައަކާއި ނުލައި މަޖީދީމަގު: އެމްޑީޕީ

 

އެމްޑީޕީއަށް 20 އަހަރުފުރުން ފާހަގަ ކުރުމަށްޓަކައި އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެއްސި ދުވުން، ހުޅުމާލޭ ސެންޓްރަލް ޕާކް ވަށައި އޮންނަ ސަރަހައްދުގައި ކުރިއަށްގެންދަން އެޗްޑީސީން ހުއްދަ ނުދިނުމުން މާލޭ މަޖިދީމަގަށް ބަދަލު ކޮށްފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަންލަތީފް ވިދާޅުވީ، ސެންޓްރަލްޕާކް ވަށައި ދުވުން ބޭއްވުމުގެ ހުއްދައަށް އެދި ދެފަހަރެއްގެ މަތިން އެޗްޑީސީއަށް ސިޓީ ފޮނުވި ކަމަށެވެ.

ފުރަތަމަ ސިޓީ ފޮނުވީ 22 ޖޫންގައި ކަމަށާއި، ދެވަނަ ސިޓީ ފޮނުވީ މިމަހުގެ 6 ވަނަ ދުވަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެސަރަހައްދުގައި ދުވުން ބާއްވަން ހުއްދަ ނުދީ، އެ ހަރަކާތް ހުޅުމާލެ ފޭސް ދޭއްގެ ރުއްގަނޑު ސަރަހައްދުގައި ބާއްވަން އެޗްޑީސީން އެދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނިއުސްކޮންފަރެންސްގައި އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، އެކަމާއި ގުޅިގެން އަންނަ ހުކުރު ދުވަހު ބާއްވަން އޮތް ދުވުން، ހުއްދައަކާ ނުލައި މިމަހު 25 ވަނަ ދުވަހު މާލޭ މަޖީދީމަގުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދުވުން ބާއްވަން ހުއްދަ ނުދިނީ ރައީސް މުއްއިޒަށް ތާއީދު ނެތްކަން އެގި ބިރުފުޅުން ކަމަށެވެ. އަދި އެކަމަކީ ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ހުރައް އެޅުއްވުން ކަމަށްވެސް ވިދާޅުވިއެވެ.  އެހެންކަމުން ރާއްޖޭގެ މިނިވަންދުވަހާއި ދިމާކޮށް ހުއްދައަކާއި ނުލައި އެމްޑީޕީގެ ދުވުން މަޖީދީ މަގުގައި ބާއްވާނެ ކަމަށާއި، އެ ދުވުން ކިހާވަރެއްގެ މިނިވަންކަމެއް އޮތްކަން އެނގިގެންދާނެ ކަަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދުވުން ހުއްޓުވަށް ސަރުކާރުން ކޮންމެކަމެއް ކުރިއަސް 25 ވަނަ ދުވަހު އެ ދުވުން ބާއްވާނެ ކަމަށެވެ.  ހަސަންލަތީފް ވިދާޅުވީ ވޭތުވެދިޔަ 20 އަހަދު ދުވަހުގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ދިވެހި ގައުމަށް އެމްޑީޕީން ކޮށްދީފައިވާ އެކިއެކި ހިދުމަތްކާއި، އެމްޑީޕީން ހޯދައިދީފައިވާ ކާމިޔާބީތަކާއި ހިދުމަތްތަކާއި ތަރައްގީ ރަމްޒުކޮށްދޭ ދަންމަރެއް މި ދުވުމުގައި ބޭނުންކުރާނެ ކަމަށެވެ.  މާލޭގައި ބާއްވާ ދުވުމަށްފަހު އެ ދަންމަރު ރާއްޖޭގެ މީހުން ދިރިއުޅޭހުރިހާ ރަށަކަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ދަންމަރާއެކު ކޮންމެ ރަށެއްގައިވެސް އެމްޑީޕީގެ އަހަރީ ދުވަހުގެ ަރަކާތްތައް ކުރިއަށްދާނެ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *