ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓަމިނަލްގެ މަސައްކަތްތަކެއް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައިވެސް ކުރެއްވި ކަމަށާއި، އެ ސަރުކާރަކުން ކުރި މަސައްކަތުގެ ކްރެޑިޓް އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ވީއައިއޭގެ އާ ޓާމިނަލް ޖުލައި 26ގައި ހުޅުވަން ދަނީ ތައްޔާރު ވަމުންނެވެ. ނަމަވެސް ޓާމިނަލް ނިންމި ސަރުކާރުގެ ބަހުސް ވަނީ ގަދަވެފަ އެވެ. ރައީސް މުއިއްޒު ކުރިއަށް ގެންދަވާ "ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު އިއްޔެ ވިދާޅުވީ އާ ޓާމިނަލްގެ ކުރެޑިޓް ހައްގުވާ ފަރާތާއިގުޅޭ ގޮތުން ދެކެވޭ ވާހަކަ ތަކަކީ ވަރަށް ބޭކާރު ބަހުސެއް ކަމަށެވެ.
އެއާޕޯޓް މަސައްކަތަކީ ވަރަށް ގިނަ ވެރިންގެ ބުރަ މަސައްކަތް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން އެންމެ ފުރަތަމަ އެއާޕޯޓް މަސައްކަތް ފެށީ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ކަމަށާއި އޭގެ ފަހުގައި އެއާޕޯޓް ތަރައްގީ ކުރަން ރައީސް މައުމޫނު އަބްދުއްގައްޔޫމުގެ ސަރުކާރުންވެސް ބޭރުން ގިނަ އެހީތަކެއް ހޯދައިގެން މަސައްކަތް ކުރި ކަމަށް ރައީސް ވިދާޅުވިއެވެ.
"ހަގީގަތް އެއީ ވަރަށް ސާފުކޮށް ފެންނަން އޮތް އެއްޗެއް. އެހެންވީމަ ޑިއު ކްރެޑިޓް ދޭންޖެހޭނެ ކޮންމެ މީހަކަށްވެސް. މިހާރުގެ އެއާޕޯޓް ޓާމިނަލް މަސައްކަތް ރައީސް ޔާމީންގެ ވެރިކަމުގައި ފެއްޓެވީ. ދެން އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިތުރު މަސައްކަތެއް ކުރެވިފައި މި ހުރީ. ދެން އަޅުގަނޑުމެންނާ ހަވާލުވެގެން ބާކީ ހުރި ހުރިހާ މަސައްކަތެއް މި ނިންމީ. އެއީ ގާތްގަނޑަކަށް ދޮޅު އަހަރުގެ ތެރޭގައި. ދެން އެ ފެކްޓްސްތައް ބަލާ ކޮންމެ މީހަކަށްވެސް ފެންނާނެ. ކޮން ވެރިކަމެއްގައިކަން، ކޮން މަސައްކަތެއް ކުރެވިފައި ހުރީ،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން، ޓްރާންސިޝަން ޕީރިއަޑްގެ ތެރޭގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އެއާޕޯޓް މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ކަމަށެވެ. އަދި އެދުވަހު ދެއްވި އިންޓަވިއުގައިވެސް އެއާޕޯޓް މަޝްރޫއަކީ މި ސަރުކާރުގެ އެންމެ މުހިންމު މަޝްރޫއުކަން ފާހަގަ ކުރައްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެދުވަހު އަޅުގަނޑަށް އެނގުނު ކިހާވަރަކަށްކަން ނިމިފައި ހުރީ. އެތެރޭގެ ގިނަ ކަންކަން ހުރީ ކުރަންވެފައި. އަދި ޓާމިނަލް އިމާރާތުން ނިމޭ ކަމެއްވެސް ނޫން މިއީކީ. އޮޕަރޭޝަނަލް ވަންޏާ ކުރަންޖެހޭ ގިނަ މަސައްކަތްތައް ހުރީ. އަދި އެ ޕްރޮޖެކްޓް ސްކޯޕް ތެރޭއިން ހަވާލުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ހަވާލު ނުކޮށް. އެއްތަނަކީ ހެޑް އޮފް ސްޓޭންޑް އޮން މަގޭ މިކިޔާ ޓާމިނަލްގެ އެއްވެސް ގޮތަކަށް ބޭނުން ހިފަންޖެހޭ ކަމުގައިވާނަމަ ހަދަން ޖެހޭ މަގު އެއީ. މައި ބަދަ އެހެން ގޮތަކަށް ބުނާނަމަ. މައިބަދަ ނެތް އެއްވެސް ބަޔަކާ ހަވާލު ކޮށްފައެއް. އެމަގުވެސް އަޅުގަނޑުމެން ހަވާލުކުރީ ބަޔަކާ ހަދަން،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ނިމިފައި ހުރީ ޓާމިލަންގެ 54 ޕަސެންޓް ކަމަށާއި ޑިއުޓީ ފްރީ އާއި ކޮމާޝަލް އޭރިޔާވެސް ނެތް ކަމަށެވެ. އެތަންތަން ހަދަން ހަވާލުކޮށްފައިވެސް ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރިން އެއްވެސް ވެރިޔަކު ވެރިކަމުގައި ކުރެއްވި ކަމެއް ނުކުރާކަމެއްގެ ގޮތުގައި ނުދަންނަވާނަން. ރައީސް ޔާމީން ވެރިކަމުގައި ފެއްޓެވި ވަރަށް ގިނަ މަސައްކަތް ތަކެއް. ރައީސް ސޯލިހްގެ ވެރިކަމުގައި ވަރަށް ގިނަ މަސައްކަތެއް ކުރެއްވި. އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑާ ހަވާލުވި އިރު ހުރި ގޮތް،“ ރައީސް ވިދާޅުވިއެވެ.