ބޮލީވުޑްގެ މަޝްހޫރު ބަތޮލާ އައިޝްވާރިޔާ ރާއީ އާއި އަބީޝެކް ބައްޗަންގެ ވަރިއާއި ބެހޭގޮތުން ފުރަތަމަ ފަހަރަށް އަބީޝެކް ވާހަކަ ދައްކައިފިއެވެ.
އައިޝްވާރިޔާ އާއި އަބީޝެކް ވަރިވާން އުޅޭ ކަމަށާއި، އެ ދެމީހުން މިހާރުވެސް އުޅެމުން ދަނީ ވަކިން ކަމަށާއި، އެދެމީހުންގެ ދަރިފުޅު އާރާދިޔާ އުޅެނީ އައިޝްވާރިޔާއާއެކު ކަމަށް ސޯޝަލް މީޑިއާ އާއި ނޫސް ތަކުން ރިޕޯޓް ކުރާތާ މަސްތަކެއް ވެއްޖެއެވެ. އެ ދެމީހުންގެ ވަރީގެ އަޑުތައް ގަދަވީ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ދަރިފުޅު އަނަތު އަމްބާނީގެ ކައިވެނީގެ ހަފްލާއަށް، އަމީތާބު ބައްޗަންގެ އާއިލާއިން ދިޔައިރު އަބީޝެކް ހިމެނިފައި، އައިޝް އާއި އަރާދުޔާ ނެތުމުންނެވެ.
ބައެއް މީޑިއާ ތަކުން ބުނީ އެމީހުންގެ ތެރޭގައި މައްސަލަ ބޮޑުވީ އަމީތާބްގެ އަންހެން ދަރިފުޅު ޝްވޭތާ ބައްޗަން ފިރިމީހާ ކައިރިން ވަރިވެެގެން އަމީތާބްގެ ގެ "ޖަލްސާ" އަށް އައުމުން އޭނާ އާއި އައިޝް ނުގުޅިގެން ކަމަށެވެ. އެގޮތަށް ޖެހޭ މައްސަލަ ތަކުގައި އަމީތާބާއި އާއިލާ މީހުން އަރަނީ ޝުވޭތާގެ ކޮޅަށް ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް އެ ވާހަކަތައް ދޮގުކޮށް ފުރަތަމަ ފަހަރަށް އަބީޝެކް ވާހަކަ ދައްކައިފިއެވެ. އަންނަ މަހު ހަތަރުވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ އަބީޝެކްގެ އާ ފިލްމްގެ ޕްރޮމޯޝަންގައި ވަރީގެ މައްސަލައާއި ބެހޭގޮތުން ސުވާލު ކުރުމުން އަބީޝެކް ބުނީ އެ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށެވެ. އަދި އެ ޚަބަރު އެވަރަށް ފެތުރުނުއިރު އެއަށް ރައްދެއް ނުދިނީ ދޭ ރައްދުގެ ބޭނުން ހިފައިގެން މައްސަލަ އިތުރަށް ބޮޑުކޮށްގެން ވާހަކަ ދައްކައި ފާނެތީ ކަމަށާއި، މަޝްހޫރު ވުމަށާއި ވިޔަފާރި ރަނގަޅު ކުރުމަށް މީޑިއާ ތަކުން އެފަދަ ސްޓަންޓް ޖައްސާ ކަމަށެވެ.
އެހެން ކަމުން މީޑިއާ ތަކަށް އިތުބާރު ނުކުރެވޭތީ އާއި އާއިލާއޭ ކިޔައިގެން އިތުރު ވާހަކަތައް މީޑިއާ ތަކުގައި ފަތުރަން ބޭނުން ނުވާތީ އެވާހަކަ ތަކަށް ރައްދު ނުދިނީ ކަމަށްވެސް އޭނާ ބުންޏެވެ. އޭނާ ބުނީ އައިޝްވާރިޔާ އާއި އޮންނަ ގުޅުމަށް ބަދަލެއް ނާންނަ ކަމަށެވެ. އަދި ވަރީގެ ވާހަކައަކީ ބުހުތާނު ދޮގެއް ކަމަށްވެސް ބުންޏެވެ